ލ. ގަމުގައި ބޭއްވިގެންދިޔަ ވިއަވަތި ރާއްޖެ ތިން ވަނަ ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި މައްސަލަތަކާއި ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށް ވިދާޅުވެ އެއީ ކާމިޔާބު ކޮންފަރެންސްއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްއަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކާއެކު ސީދާ ރައީސް މަޝްވަރާތައް ބޭއްވުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

މީގެ ފުރަތަމަ ކޮންފަރެންސް ކޮރޮސްރޯޑުގައި ބޭއްވި އިރު، ދެވަނަ ކޮންފަރެންސް ބޭއްވީ މެދުރާއްޖެ ތެރެއަށް ހާއްސަކޮށްގެން އއ. އުކުޅަހުގަ އެވެ. ތިން ވަނަ ކޮންފަރެންސް ބާއްވާފައިވަނީ ލ. ގަމުގަ އެވެ.

އިއްޔެ ނިމިގެންދިޔަ ވިއަވަތީގެ ތިންވަނަ ކޮންފަރެންސް ޚާއްޞަކުރީ ދ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށެވެ. 150 އަށްވުރެ ގިނަ ކައުންސިލް ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން ހިމެނޭހެން ބައިވެރިވެވަޑައިގެންނެވި އެވެ

ގަމުގައި ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސް ނިންމާލުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކޮންފަރެންސް ތެރެއިން ހާސިލުވި ބައެއް ކާމިޔާބާތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުފުޅާކޮށް އެ ކޮމިޓީގެ މެމްބަރުންނަށް ސިވިލް ސާވިސްގައި އުޅޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ބިނާވެށި ޕްލޭނަށް މުހިންމު ހައްލުތަކެއް ހޯދައިދެވިފައިވާ ކަމަށެވެ.

ރަށު ކައުންސިލްތަކައްދޭ ބްލޮކް ގްރާންޓް ދިނުމުގައި ބަދަލުތަކެއް ގެނެސް، ރަށް އުފެދިފައިވާ ގޮތާއި ހާލަތަށް ބަލައި އަދި ފައިސާ ދޭ ފޯމިއުލާއިން އިސްތިސްނާއެއް ގެނެސް، ސިޓީތަކަށް ފައިސާ ދޫކުރުމުގައި ހާއްސަ ގޮތްތަކެއް އެކުލަވާލެވުމަކީ ވެސް ވިއަވަތި ކޮންފަރެންސްއިން ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލތަކުގެ އިހުތިސޯސް ކަނޑައެޅިފައި ނެތް މައްސަލައިގައި މަޝްވަރާގެ ކުރަން ނިންމެވުމަކީ ވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި ޔުޓިލިޓީ ކުންފުނިތަކަށް ރަށްރަށުން ދޭ ބިންތަކުން ކުލި ނުނަގައި އެބިންތައް ވީހާވެސް ލުއި ގޮތެއްގައި ދޫކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ވިއަވަތި ރާއްޖެ ތިން ވަނަ ކޮންފަރެންސް ފަހު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މިކޮންފަރެންސް ނިންމާލުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ހިސާބަށް އަމާޒުކުރެވިގެން ހިންގުނު ކޮންފަރެންސްއެއްކަމުން، ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައަޅާނެ ކަމަށް އެމަނިކުފާނަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް އއ. އުކުޅަހުގައި ބޭއްވި ކޮންފަރެންސްއަށްވުރެ މިފަހަރުގެ ކޮންފަރެންސްގައި ފާޅުކުރި ޝަކުވާތައް ވަރަށް ބޮޑަށް މަދުކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ހުރި މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ސަރުކާރުން ގެނެވުމުގެ ނަތީޖާކަމަށް ރައީސް ސިފަކުރެއްވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނީ އުކުޅަހުގައި މި ބޭއްވި ބައްދަލުވުމުގައި އެ އައި ޝަކުވާތަކަށްވުރެ މި ބައްދަލުވުމުގައި އައި ޝަކުވާތައް މަދުކަމަށް. އަޅުގަނޑު ހީކޮށްގެންހުރީ އެންމެ ދެކުނުގެ އެންމެ ބޮޑު އާބާދީ ތަމްސީލްކުރާ 100އަށްވުރެ ގިނަ ކައުންސިލަރުން އައީމަ، އެބޭފުޅުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުން ޝަކުވާތައް އަންނާނެކަމަށް. އެހެން ނަމަވެސް އަޅުގަނޑު ހީކުރިވަރަށްވުރެ ރަނގަޅަށް ދިޔައީ. އެހެންވީމަ އޭގެ މާނަކީ އުކުޅަހުގަ ބޭއްވުނު ކޮންފަރެންސްއިން ފާހަގަކުރެވުނު ކަންތަކަށް ހައްލުތަކެއް ކޮންމެވެސްވަރަކަށް ހޯދައި ދެވިފައި ހުރިކަމަށް،" ރައީސް ވިދާޅުވި އެވެ.

ވިއަވަތީގެ ހަތަރުވަނަ ކޮންފަރެންސް އޮންނާނީ އުތުރުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީ ސިޓީގައިކަން ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.