މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރާއްޖޭގެ ކަނޑުތަކުގެ އަޑީގެ ދިރާސާކުރާ ޓީމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ހިއްވަރު ދެއްވައިފި އެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓެއް ކަމަށްވާ ނެކްޓަންއާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ މި ދިރާސާގެ ބައިވެރިން މިވަގުތު އަންނަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ.

މި ދިރާސާގައި ނެކްޓަންގެ ފަރާތުން ބޭނުންކުރަމުންދާ މައި ބޯޓު އާރުވީ އޮޑެސީއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނެކްޓަންގެ މިޝަން ޑިރެކްޓަ އޮލިވާ ސްޓެއިޑްސް އެވެ.

ރައީސްގެ މި ޒިޔާރަތުގެ ތެރެއިން، މި ދިރާސާގައި ރާއްޖެއާއި އިނގިރޭސިވިލާތުން ބައިވެރިވާ މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ. ވަކިން ހާއްސަކޮށް މި ދިރާސާގައި ބައިވެރިވާ ދިވެހި ޓީމުގެ ފަރާތުން ފާއިތުވި ދެ ދުވަހު ކަނޑުގެ 500 މީޓަރު އަޑިއަށްގޮސް މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވި ހަތަރު އެކުއާނައުޓުންނާއެކު އެމަނިކުފާނު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ. އަދި އެބޭފުޅުންގެ ފަރާތުން ދިރާސާގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު ރައީސް އާއި ހިއްސާކުރެއްވި އެވެ.

ރާއްޖޭގެ ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ޑައިވްކޮށްގެން ކުރިއަށްގެންދާ މި ދިރާސާތަކުގައި ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރެއްވުމަަށް ރައީސްގެ އަރިހުގައި އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވެސް ވަޑައިގެންނެވި އެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފުރަތަމަ ދިރާސާ އެވެ. މި ދިރާސާގެ ތެރެއިން ސަބްމާރސިބަލް ޑައިވްތަކުގައި ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ އިތުރު ހޯދުންތައް ހޯދާނެ އެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ، އަދި ކަނޑުގެ ލޮނުގަނޑުގެ އެންމެ 1.5 މީޓަރު އުހުގައިވާ ގައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑެވެ.

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެ އެވެ. މީގެ އިތުރުން ވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ހަމަޖެހިފައިވެ އެވެ.

މި މިޝަންއާއި އެކު ދިވެހިރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ދެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރެވިގެން ދާނެ އެވެ. މި މިޝަންގައި ޖުމްލަ 40 ޕާޓްނަރުން ބައިވެރިވެ އެވެ. އެއީ 16 ދިވެހި ޕާޓްނަރުންނާއި 24 ބައިނަލްއަގުވާމީ ޕާޓްނަރުންނެވެ.