ވިލިމާލެ ފަރަށް އެރުނު ޕްލެޓްފޯމުގެ ސަބަބުން އެ ފަރަށް ލިބިފައިވާ ގެއްލުމުގެ އެސެސްމެންޓް ހަދައިފި އެވެ.

ވިލިމާލެ ފަރަށް ގެއްލުންވެފައިވަނީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމާއި ހަވާލުވެފައިވާ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ގެންގުޅުނު ޕްލެޓްފޯމެއް އެ ފަރަށް އެރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މައުލޫމާތުދެމުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އެ ޕްލެޓްފޯމު ވިލިމާލެ ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ހަދައި މިހާރު ވަނީ ނިންމާލާފައި ކަމަށެވެ. އަދި ފަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމާއި، އެކަމާއި ގުޅިގެން އެފްކޮން ޖޫރިމަނާ ކުރާނެ އަދަދު ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނައީމް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެފްކޮންސް އިން ކުރިއަށް ގެންދިޔަ ޖޮއިންޓް ސާވޭގެ ކޮމިއުނިކޭޝަން ކަންތައްތައް ކަމަށެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމު އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓްފޯމު ފަރަށް އަރާފައިވަނީ އޭގެ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕްލެޓްފޯމު ވަނީ ފަރުން ނަގާފަ އެވެ.

މިހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އަނިޔާވީ ތިން ބިދޭސީންނަށެވެ. އަދި އެމީހުންނަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.