މީގެ ނުވަ އަހަރު ކުރިން 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް ދ. ކުޑަހުވަދޫގައި މަރާލި ހަސަން އަލީ (އައްޔުބެ)ގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާ އެކަމުގައި ބައިވެރިވެފައިވާކަން ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް އެކުއްޖާ ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅައިފި އެވެ.
އައްޔުބެ މަރާލި މައްސަލާގައި ކޯޓުން ދައުވާ ކުރީ ތިން ކުއްޖަކަށް ނަމަވެސް އެ މައްސަލަ ސާބިތުވީ ދެ ކުއްޖެއްގެ މައްޗަށެވެ. 2012ވަނަ އަހަރުގެ ޖެނުއަރީ މަހު ހިނގި އެ ހާދިސާގައި ދެ ކުދިން އިއުތިރާފުވުމުން 2012 ވަނަ ޑިސެމްބަރު މަހު އެ ކުދިން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ނިމިފައި އޮތް ނަމަވެސް އައްޔުބެގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭތީ ޖުވެނައިލް ކޯޓުން އޭރު ނިންމީ އެ ކުއްޖާ ބޮޑު ވަންދެން އަދަބު ކަނޑައެޅުން ލަސްކޮށްލާށެވެ. އަދި އެ ކުއްޖާއަށް ހުކުމް ކުރެވެންދެން ދައުވާ ސާބިތުވި މީހުން ޖަލުގައި ބަންދުކުރާށެވެ.
އޭގެ ތެރެއިން އެއް ކުޑަކުއްޖަކާއި ގުޅޭ ގޮތުން މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ ކުށް ސާބިތުވިޔަސް އިސްލާމީ ޝަރީއަތުން އެކުއްޖާއަށް މަރުގެ އަދަބު ދެވެން ނެތް ކަމަށެވެ.
އެ ހުކުމަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ނިންމީ އެ ކުއްޖާއަށް ގާނޫނީ އަދަބެއްގެ ގޮތުން ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށް ލާށެވެ. އެކަމަކު، އެކުއްޖާ ވަނީ ޖަލުގައި 9 އަހަރު ހޭދަކޮށްފަ އެވެ. އެހެންކަމުން ޖުވެނައިލް ކޯޓުން ނިންމާފައިވަނީ އެކުއްޖާ އަށް ދޭނެ އިތުރު އަދަބެއް ނެތް ކަމަށެވެ.
އެގޮތަށް ޖުވެނައިލް ކޯޓުން ނިންމުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކުއްޖާ ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. އެގޮތަށް އަމަލުކުރީ ވެސް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާތީ އެވެ.
އެއެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި ދެވަނަ މީހާ ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ.