ރާއްޖޭގައި މަސައްކަތްކުރަން އައިސް އުޅުނު ބަންގްލަދޭޝްގެ އަލަމްގީރް އާއެކުގައި އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ހުކުމް ކުރުމަށް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އަލަމްގީރާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލަ އޭނާގެ މައްޗަށް ސާބިތުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އޭނާ އެކަމަށް އިއުތިރާފުވުމުންނެވެ.

ޕީޖީ އޮފީހުން ބުނީ އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެފައިވާ ނާޒިމަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް މާދަމާ ހަވީރު 4:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމް ސައްތާރުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ފަށައިފަ އެވެ.

އެތައް ބަޔަކާއެކު ލިވާތުކޮށް އެއްޖިންސުން ގުޅުންހިންގި ކަމަށް މީގެ ކުރިން އަލަމްގީރު ވެސް ވަނީ އެއްބަސްވެ އެ ކުށަށް އިއުތިރާފުވެފަ އެވެ.

ކުށަށް އިއުތިރާފުވުމާ ގުޅިގެން އަލަމްގިރުގެ މައްޗަށް ކޯޓުން އިއްވާފައި ވަނީ 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާޒިމް ސައްތާރު ވެސް ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް އިއްވާނީ ވެސް 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.