ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަހްމަސްތްރާ" ވަނީ ކާމިޔާބު ފިލްމަކަށްވެފަ އެވެ.

ފިލްމު ކާމިޔާބަކަށްވީ ނަމަވެސް އެ ފިލްމަށް ފާޑުކިޔުން އަމާޒުކުރާ ފަރާތްތައް އަދިވެސް މަދެއް ނުވެ އެވެ. މިކަމާ ގުޅިގެން ދާދި ފަހުން ފިލްމުގެ ބަތަލާގެ ރޯލުން ފެނިފައިވާ އާލިއާއަށް ސުވާލު އަމާޒުކޮށްފައިވާއިރު، އާލިޔާ ވަނީ އެ ސުވާލަށް ޖަވާބުދީފަ އެވެ.

އެގޮތުން ފިލްމު ކާމިޔާބަކަށް ވީތީ އާލިޔާ އާއި ފިލްމުގެ ޓީމު އުފާކުރާކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މި ދަނޑިވަޅުގައި ފިލްމުގެ ޓީމު އެއްކޮށް ފޯކަސް ކުރަނީ ޕޮޒިޓިވް ކަންކަމަށް ކަން ފާހަގަކޮށް އޭނާ ބުނީ، ފިލްމާ ގުޅިގެން މީހުން ކުރަމުންދާ މަލާމާތާއި ފުރައްސާރައަށް ފިލްމުގެ ޓީމު ނުބަލާ ކަމަށެވެ.

ހަމަ އެހެންމެ އިންސާނުންނަށް ލިބިފައި ވަނީ އެންމެ ހަޔާތެއް ކަމަށާއި، ދިރިއުޅެވޭނީ ޕޮޒިޓިވް ކަންތަކަށް ބަލައިގެން ނުވަތަ ނެގެޓިވް ކަންކަމަށް ބަލައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެ ދެގޮތުގެ ތެރެއިން އެންމެންނަށް ވެސް މޮޅުވާނީ ރަނގަޅު ކަންކަމުގައި ހިފައިގެން ކުރިއަށް ދިއުން ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

އާލިޔާ އިތުރަށް ބުނީ، މުނިފޫހިފިލުވުމުގެ ދާއިރާގައާއި އެހެނިގެން ދާއިރާތަކުގައި ވެސް ފާޑުކިޔުމުގެ ހައްގު އާންމުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އާލިޔާގެ ފިލްމުގެ ޓީމުން ބަލާނީ މަލާމާތަށާއި، ފުރައްސާރައަށް ނޫން ކަމަށާއި، ހަމައެކަނި އުފެއްދުންތެރި ފާޑުކިޔުމަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ބްރަހްމާސްތުރާ ފިލްމު އެޅުވި ހަފްތާ ނިމިނުއިރު އިންޑިއަން ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފިލްމަށް ލިބިފައިވެ އެވެ. މިއީ އެންމެ ބޮޑު އާމްދަނީއެއް ފިލްމު އެޅުވި ހަފްތާގައި ލިބުނު އެއް ހިންދީ ފިލްމެވެ.