ރާއްޖޭގެ މިހާރު ހާލަތަށް ބަލާފައި މިވަގުތު ޖީއެސްޓީ ބޮޑުކުރުމަށް ވުރެ ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަ ކުރުން މާރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތު ޖީއެސްޓީ ބޮޑު ކުރުމަށްވުރެ ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް އިސްރާފުތައް ހުއްޓާލުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް ހަމަކޮންމެހެން ހައްގުވާ މީހުނަށް އެކަނި ދޭން ފެށުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ޖީއެސްޓީ ބޮޑު ކުރުމަށްވުރެ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް އިސްރާފުތައް ހުއްޓާލުން މާރަނގަޅުވާނެ. ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް ހަމަކޮންމެހެން ޙައްޤުވާ މީހުނަށް އެކަނި ދޭން ފަށަންވީ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު ރާއްޖޭގައި ހިދުމަތާއި މުދަލުން ނަގާ ޓެކުސް ބޮޑުކުރުމަށް ޓެކުސްއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލްގެ ބަހުސްތައް ވެސް މިހާރު އަންނަނީ މަޖިލީހުގައި ކުރަމުންނެވެ.

ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމައި އެކަން އިއުލާނުކުރީ މިދިޔަ ޖުލައި މަހުގަ އެވެ.

ސަރުކާރުން ނިންމާފައިވަނީ ޖީއެސްޓީ ދެ އިންސައްތައިން ބޮޑުކޮށް މިހާރު ނަގާ ހަ އިންސައްތަ ޓެކުސްގެ ބަދަލުގައި އަށް އިންސައްތަ ނަގާށެވެ. އަދި ޓީޖީއެސްޓީ 16 އިންސައްތައަށް މަތިކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ފެންނަކަމަށް އައިއެމްއެފުން ލަފާދިން ނަމަވެސް އެ އިދާރާއިން ލަފާ ދީފައިވަނީ 2024 ވަނަ އަހަރުގެ ކުރިން ޖީއެސްޓީ ބޮޑުނުކޮށް ބައިނަލްއަގުވާމީ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް އެކަން ފަސްކުރުމަށެވެ.