(8 ޑިސެމްބަރު) - ކޮކާކޯލާ އަބަދުވެސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެއްވަނަ ސޮޑާ ބުއިމަށެވެ. ވިޔަފާރީގެ ގޮތުންނާއި މަގްބޫލް ކަމުގެ ގޮތުން ބެލިކަމުގައިވެސްމެވެ. އެކަމަކު އެލިސްޓެއްގައި އެއްބެސްބަޔަކު ކުރި ހޯދަން ބޭނުންނުވަ ލިސްޓެއްގެ ކުރީގައި ކޮކާކޯލާގެ ނަން މިވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް ހިމެނިފަ އެވެ.

އެގޮތުން "ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކް" ގެ ނަމުގައި ޕްލާސްޓިކްގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތްކުރާ ޖަމްއިއްޔާގެ އެންމެ ފަހުގެ އޮޑިޓް ރިފޯޓްގައި ވާގޮތުން މިއަހަރު ވެސް ލިސްޓްގެ އެއްވަނައަށް ހޮވިފައިވަނީ ކޮކާކޯލާ އެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓްގައި ވާގޮތުން 55 ގައުމެއްގެ ކުނި ހޮވާ ވޮލަންޓިއަރުން ހޮވާފައިވާ 346،494 ޕްލާސްޓިކް ކުނީގެ ތެރެއިން 4 ފަސެންޓަށްވާ (13،834) ޕްލާސްޓިކް ކުނި ހިމެނިފައިވަނީ ކޮކާކޯލާ ބްރޭންޑްގެ އުފެއްދުމަށެވެ. މި އަދަދަކީ މި ލިސްޓްގެ ދެވަނައިގައިވާ "ޕެޕްސީ" އަދި "ނެސްލޭ"ގެ އުފެއްދުންތައް އެއްކޮށްލުމުން ވެސް ބޮޑު އަދަދެކެވެ.

މި ކެމްޕެއިންގެ ގްލޯބަލް ކޯޑިނޭޓަރު އެމާ ޕްރިސްޓްލޭންޑް ވިދާޅުވިގޮތުގައި ޕްލާސްޓިކް ކުނި އެންމެ ގިނައިން އުފައްދާ ކުންފުނިތަކުން އަބަދުވެސް ޕްލާސްޓިކް މަދުކުރުމުގެ ވާހަކަދައްކާ ކަމަށާއި އަދި އެކަމަށް ނުހަނު ގިނަ މަސައްކަތްކުރާ ކަމަށް ހާމަކުރެ އެވެ. ނަމަވެސް ޕްލާސްޓިކް ކުނި މަދުވާތަނެއް ނުފެންނަ ކަމަށާއި އެކަމަކު އޭގެ ބަދަލުގައި ފެންނަނީ ޕްލާސްޓިކް ކުނި ގިނަވާތަން ކަމަށެވެ.

"ބޮޑެތި ކުންފުނިތަށް ވާންޖެހޭނީ މި ކަމަށް ހައްލު ހޯދުމަށް އެންމެ ކުރީގައި މަސައްކަތްކުރާ ބަޔަކަށް."

ކޮކާކޯލާ ކުންފުނިން ދަނީ ޕްލާސްޓިކްގެ މައްސަލައަށް ހައްލުހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި މިއަހަރުގެ ކުރީ ކޮޅުގައި އެ ކުންފުނިން ވަނީ ކަރުދާސް ފުޅީގެ ޕްރޮޓޯޓައިޕެއް ދައްކާލާފަ އެވެ. ނަމަވެސް މި ޕްރޮޓޯޓައިޕް ފައިނަލް ކުރުމަށް އަދިވެސް ވަރަށް ދުވަސްނަގާނެ އެވެ. އެކަމަކު މިކަންވެއްޖެނަމަ ފްލަސްޓިކް މަދުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. -- ޔާހޫ ލައިފްސްޓައިލް