ބޮލީވުޑް ސުޕަ ސްޓާރު ސަލްމާން ޚާން އަދި މަޝްހޫރު ބަތަލާ ކެތުރީނާ ކައިފް ކުޅޭ ފިލްމު ޓައިގާ-3 ރިލީޒްކުރާނެ އިރަކަށް އާންމުން އިންތިޒާރުު ކުރާކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

އެއާއެކު ފިލްމާއި ގުޅޭ އެހެނިހެން މައުލޫމާތުތައްވެސް ފަހަކަށް އައިސް އާންމުންނަށް ވަނީ ހާމަވެފަ އެވެ.

އެގޮތުން މިހާތަނަށް އެ ފިލްމުގެ އެންމެ ކާމިޔާބު ސީކުއެލް "ޓައިގަރު ޒިންދާހޭ" ޑައިރެކްޓުކޮށްފައިވާ އަލީ އައްބާސް ޒަފަރް މިފަހަރު ނެރޭ 'ޓައިގަރު 3' ޑައިރެކްޓް ނުކުރާނެކަމަށް ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ.

އަލީ އެފަދައިން ނިންމިކަން ޚުދު އޭނާގެ ދުލުން އާންމުންނާއި ހިއްސާކޮށްފައިވާއިރު، އާންމުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަލީ ފިލްމުގެ ޑައިރެކްޓަރުކަން ނުކުރަނީ ކީއްވެތޯ އާންމުން އޭނާއާ ސުވާލުކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އަލީ ބުނީ އޭނާ ޓައިގަރު 3 ޑައިރެކްޓު ނުކުރެވެނީ އޭނާ ނިންމަންޖެހޭ އެހެނިހެން ފިލްމުތަކުގެ މަސައްކަތް އެދުވަސްތަކުގައި ހުރުމާއި ގުޅިގެން ކަމަށެވެ. އެއާއެކު ފިލްމުގެ ޑައިރެކްޓަރުކަމާއި ހަވާލުވެފައިވަނީ މަނީޝް ޝަރްމާ އެވެ.

"ޓައިގާ 3"އަކީ 2012 ވަނަ އަހަރު ނުކުތް "އެކް ތަ ޓައިގާ"ގެ ސީކުއެންސްގެ ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. މި ސީކުއެންސުން ނެރުނު ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.