މަޝްހޫރު ތަރިން ކަމުގައިވާ ކްރިތީ ސަނޯން އާއި ޕްރަބާސް ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ހަބަރު ފެތުރިއްްޖެ އެވެ.

އެ ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ހަބަރު ފެތުރިފައިވަނީ އިންޑިއާގައި މަޝްހޫރު ކަމެއް ލިބިފައިވާ ޝޯއެއް ކަމަށް "ކޮފީ ވިތް ކަރަން" ޝޯގައި ކްރިތީ ޕްރަބާސްއަށް ފޯނުން ގުޅުމުންނެވެ. އަދި ދެތަރިން ވާހަކަ ދެއްކިގޮތުގެ ސަބަބުން ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއްވާކަމަށް ފޭނުން ބުނަމުންދެ އެވެ.

އޭގެ އިތުރުން ވެސް ދެތަރިން އެކީގައި ކުޅެފައިވާ ފިލްމު "އަދީޕުރުޝް" ފިލްމުގެ ސެޓުން ޕްރަބާސް އާއި ކްރިތީގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަން ފިލްމުގެ ކާސްޓުންވެސް ހާމަކޮށްފައިވެ އެވެ.

އެގޮތުން ޕްރަބާސްއަކީ ލަދުވެތި މީހެއް ނަމަވެސް ކްރިތީއާ އެކު މުއާމަލާތު ކުރާއިރު، އެހެން މީހަކަށް ބަދަލުވާފަދައިން ހީވާކަމަށް ކާސްޓުން މައުލޫމާތުދީފައިވެ އެވެ.

ފޭނުން ތިބީ އެދެ ތަރިން ޖޯޑެއްގެ ގޮތުގައި ސިނަމާގައި ފެންނާނެ އިރަކަށް އިންތިޒާރު ކުރުމުގަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކްރިތީއާ ޕްރަބާސް އެކީގައި އޮންސްކްރީން "ކެމިސްޓްރީ" ތަފާތުވާނެ ކަމަށް ބުނެ ދެ މީހުންގެ ޖޯޑަށް ތައުރީފުކޮށްފަ އެވެ.

ދެތަރިންގެ ފިލްމްގެ ޝޫޓިންގެ ބައެއް މަސައްކަތް ނުނިމުނު ނަމަވެސް، މިހާތަނަށް އެ ދެތަރިންގެ މަސައްކަތް ވަރަށް ފުރިހަމަކަމަށް ފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

އެ ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓުމަހުގަ އެވެ. އެހެންނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީއަށް ބަދަލުކޮށްފަ އެވެ.