އެމްޑީ އަލަމްގީރާއިއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯއެއް ލީކުވި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އެއްޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފުވެއްޖެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ރަފީއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އެވެ. މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު ފެށުމާއިއެކު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ރަފީއު އެ މައްސަލައަށް އިއުތިރާފު ވެފައިވާކަމަށް ބުނެފަ އެވެ.
ކުށަށް އިއުތިރާފު ވުމާއިއެކު މިމައްސަލަ ދެން ކުރިއަށް ގެންދާނީ އަވަސް ނިޔާ ކަނޑައެމުގެ މައްސަލައެއްގެ ގޮތުގަ އެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހު ފުލުސް މީހާގެ މައްޗަށް ހުކުމް އިއްވާނެ އެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ އަދަބަކީ 9 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ކުށަށް އިއުތިރާފުވެއްޖެނަމަ އަދަބު އެއަށްވުރެއް ލުއިވާނެ އެވެ. އަދި މިއީ އޭނާ މިފަދަ އަމަލެއް ހިންގި ފުރަތަމަ ފަހަރުނަމަ ދެ ދަރަޖައަށް އަދަބު ލުއިވެގެން ދާނެ އެވެ.
މީގެ ކުރިން ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ވަނީ މިފަދަ ދައުވާއެއް ސާބިތުވެފަ އެވެ. ދެދަރަޖަ ލުއިކުރުމަށްފަހު އޭނާގެ މައްޗަށް އައީ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދެކެވެ. އަލަމްގީރުގެ މައްޗަށް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ.