ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން ދިޔަ ސްރީލަންކާގެ ރީތީގެ ރާނީގެ މަގާމު ހޯދި ޖެކްލިން ފެނަންޑޭޒް އަށް ވަނީ 200 ކްރޯޑް ރުފިޔާގެ މަނީ ލޯންޑަރިންގެ މައްސަލައިގައި މުމްބާއީގެ ފުލުހުން އަންނަނީ ސުވާލުކުރަމުންނެވެ.
ޖެކްލިންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިގެންދިޔައީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލައިގައި ސުކޭޝް ހައްޔަރު ކުރުމަށް ފަހު ތަހުގީގުގެ ތެރެއިން ވަނީ ބޮލީވުޑުގެ ބައެއް ފަންނާނުންނަށް ސުކޭޝްގެ ފަރާތުން އަގުބޮޑު ހަދިޔާ ލިބިފައިވާކަން ހާމަވެފަ އެވެ. އޭގެ ތެރޭގައި ޖެކްލިން އާއި ނޯރާ ފަތޭހީ ހިމެނެ އެވެ.
ޖެކްލީން ވަނީ ސުކޭޝްއާ ގުޅުން ހުރި ކަމަށް ބުނެ އެފަދަ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ޖެކްލިން ދިން ބަޔާނުގައި ބުނެފައިވަނީ އޭނާއަށް ސުކޭޝްއަކީ ކޮން ކަހަލަ މީހެއްކަން ނޭނގޭ ކަމަށެވެ.
ނަމަވެސް އެންމެ ފަހުގެ ތަހުގީގުތަކަކަށްފަހު ފުލުހުން ބުނެފައިވަނީ ސުކޭޝްއަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މީހެއްކަން އެނގި ހުރެ ވެސް އޭނާއާ ކައިވެނިކުރަން ޖެކްލިން ބޭނުންވި ކަމަށެވެ.
ޖެކްލިން ސުކޭޝް ދެކެ ވަރަށް ލޯބިވި ކަމަށާއި ޖެކްލިންގެ ހުވަފެންތަކުގެ ރާޖާއަކީ ސުކޭޝް ކަމަށާއި އޭނާއާއި ކައިވެނި ކުރަން ވެސް ޖެކްލިން ބޭނުންވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ސުކޭޝްއަކީ ކޮން ކަހަލަ މީހެއްކަން އެނގި ހުރެ ވެސް އޭނާއާއި ކައިވެނި ކުރަން ޖެކްލިން ބޭނުންވީ ކީއްވެ ކަމެއް ނޭނގޭ ކަމަށެވެ.
މި މައްސަލާގައި ދާދި ފަހުން ވެސް ޖެކްލިން ވަނީ އީޑީ އޮފީހަށް ހާޒިރުކޮށް އަށް ގަޑިއިރު ވަންދެން ސުވާލު ކޮށްފަ އެވެ.
ފްރީ ޕްރެސް ޖާނަލްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ސުކޭޝް އަކީ ގޯސް މީހެއްކަމާއި އޭނާއާ ގުޅުން ނުބާއްވަން ޖެކްލީންގެ އެކުވެރި ބޮލީވުޑް އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި އަކްޝޭ ކުމާރު ވެސް އޭނާއަށް ވަރަށް ނަސޭހަތްތެރިވި އެވެ.
މިކަމާ އެހާބޮޑަށް ސަމާލުކަން ޖެކްލިން ދީފައިނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މި މައްސަލަ ބަލައި އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ސުކޭޝް ދިން އަގުބޮޑު ތަކެއްޗާއި ފައިސާ ޖެކްލީން ގަބޫލުކުރީ އެއީ އެކި އެކި ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ އެވެ.