ނޭނގި ނަމަވެސް ބައެއް ފަހަރު އަހަރުމެންގެ އަމިއްލަ ނަފްސަށް ގެއްލުން ދެނިވި އާދަތައް ދިރިއުޅުމުގައި އަށަގެންނުވޭ ފަހަރު އާދެ އެވެ. މިފަދަ އާދަތަކަކީ މީހާގެ މިޒާޖާއި އުޅުން ބަދަލުކޮށް ނޭދެވޭ ބަދަލުތަކެއް ގެންނާނެ އާދަތެކެކެވެ. އެފަދަ ބައެއް އާދަތަކަށް ބަލާލާނަމެވެ.
މާ ގިނައިން ކެއުން
މިއީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ދެރަވުމުން ނުވަތަ ރުޅި އައުމުން ދެވޭނީ ކޮންމެވެސް ކާއެއްޗަކާ ދިމާއަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ، އެނާޖީ ޓްރިކްސް ނުވަތަ އައިސްކްރީމް ފަދަ އެއްޗެހި ބޭނުން ކުރެވެ އެެވެ. އެގޮތަށް ކާއެއްޗެއް ބޭނުން ކުރުމުން ހާސްކަން ފިލާކަމަށް މިފަދަ މީހުން ބުނެ އެވެ. އެހެންނަމަވެސް މިއީ ސިއްހީ ގޮތުންވެސް ގެއްލުން ހުރި ކަމެކެވެ. ހަށިގަނޑު ފަަލަވެ އަބަދު ވަރުބަލިވަގޮތް ދިމާވެދާނެ އެވެ. އަދި އެނާޖީ ޓްރިންސްތައް މާގިނައިން ބޭނުން ކުރުމުން ހަޖަމްކުރާ ނިޒާމަތް ގެއްލުން ލިބެ އެެވެ.
ހުރިހާކަމެއްގެ ނުރަނގަޅު ފަރާތް ދެއްކުން
ގިނަ ފަހަރަށް މިހެން ވަނީ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވުމުންނެވެ. ދަތި ވަގުތެއްގައި ތިމާގެ ރައްޓެހިން އާއިލާ މީހުން ދޭ ހިޔާލަށް ނުވަތަ ނަސޭހަތަށް ތާއިދު ނުކުރެވޭ ގޮތް ދިމާވަނީ ތިމާއަށް އެކަމެއް ނުވާނޭ ހިތަށް އަރާފަ އެވެ. މިހެން ވުމުން އެެކަމެއްގައި ތިމާއަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބިދާނެ ގެއްލުމަކަށް ވިސްނޭތަން އާދެ އެވެ. ނުވަތަ ކުރިން ދިމާވެފައިވާ ހާދިސާއަކާއި މިހާރުގެ ހާލަތު ގުޅުވޭ ތަން އާދެ އެވެ. އެހެންނަމަވެސް ހާލަތު ބަދަލު ކުރުމަށް މަސައްކަތްކުރުމުގެ ބާރު އޮތީ ތިމާގެ އަތުގަ އެވެ.
އެހެން މީހުންނަށް އިތުބާރު ނުކުރުން
އެކަކަށްޓަކައި އިތުބާރު ގެއްލިއްޖެ ނަމަ ބައެއް މީހުންނަށް ވާގޮތެކެވެ. ދެން ތިބޭ މީހުންނަށް ވެސް އިތުބާރު ގެއްލޭ ގޮތްވެ އެވެ. އެހެން ވުމުގުގެ ސަބަބުން ދިމާވާ ކަންކަން އެެހެން މީހުންނާ ހިއްސާކޮށް ހިޔާލު ހޯދުމުގެ ބަދަލުގައި ސިއްރުކުރެވޭ ތަން އާދެ އެވެ. ތިމާގެ ހާލަތު އެހެންމީހުންނަށް ވަޒަން ނުކުރެވޭނެ ކަމަށް ހީކޮށް އިހްސާސްތައް ހިއްސާނުކޮށް ފޮރުވުމަކީ އަމިއްލަ ނަފްސަށް ގެއްލުން ލިބޭނެ ކަމެކެވެ.