ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައި، ކިޑްނީގައި ހުރި ހިލަތަކެއް ނަގައިފި އެވެ.

މީހެއްގެ ކިޑްނީގައި ހުރި ހިލަތަކެއް ނަގައި މި އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރީ އައިޖީއެމްއެޗުންނެވެ.

މިކަމާ ގުޅިގެން ކުރި ޓްވީޓެއްގައި އެ ހޮސްޕިޓަލުން ބުނީ، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ޓީމުން އެމީހާގެ ކިޑްނީ ތޮރުފައިގެން އޮޕަރޭޝަން ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ބޮޑު އޮޕަރޭޝަން ކާމިޔާބު ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މިއީ ދިވެހި ޑޮކްޓަރުންގެ ޓީމަކުން އަލަށް ރާއްޖޭގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ އޮޕަރޭޝަން ކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮޕަރޭޝަން ކުރުމުގައި ބައިވެރިވީ އައިޖީއެމްއެޗްގެ ޔޫރޮލޮޖީގެ ދިވެހި ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އަދްސަރު އާއި ޑރ. އިބްރާހިމް މިސްބާހު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ ހޭނައްތާ ޑޮކްޓަރުންނާއި ތިއޭޓަ ނަރުހުންގެ ބައިވެރިވުމާއެކުއެވެ،" އައިޖީއެމްއެޗްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ޓީމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އޮޕަރޭޝަންގެ ތެރެއިން ކިޑްނީން ނެގި ހިލަތަކުގެ ފޮޓޯވެސް އެ ހޮސްޕިޓަލުން އާންމުކޮށްފައިވެ އެވެ.