މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފި އެވެ.
ބޯހިމެނުގައި މާލެ ސިޓީގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލެ ސިޓީ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އާބާދީގެ މައުލޫމާތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމަށާއި، އެ ހުރިހާ މައުލޫމާތެއް ހޯދޭނީ ބޯހިމެނުމުގެ ތެރެއިން ކަމަށެވެ.
ބޯހިމެނުމަކީ ގައުމީ މަސައްކަތެއް ކަމަށާއި، ޤައުމުގެ ކުރިމަގަށްޓަކައި މި މަޢުލޫމަތަކީ ވަރަށް މުހިއްމު މައުލޫމާތެއް ކަމުގައި މޭޔަރު ވިދާޅުވި އެވެ. އަދި އެމަނިކުފާނުވެސް ބޯހިމެނުމުގައި މިހާރު ބައިވެރިވެވަޑައިގަނެފައިވާކަން ފާހަގަ ކޮށްލެއްވި އެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމަށް ގޭގެއަށް ދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 7:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 2:30 އިން 7:00 އަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް، ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތްތެރިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޯބަރު 20 އެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ.