އެމްޑީ އަލަމްގީރާއިއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ކުރީގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަބްދުއްރަހްމާނު ރަފީއުއަކީ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ފުލުހެކެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. މީގެ ކުރިން ރަފީއު ބަންދުގައި ހުރެފައިވާތީ އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި އަބްދުއްރަހްމާނުގެ މައްޗަށް އުފުލާފައި ވަނީ އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާކުރީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި، އަލަމްގީރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވަނީ ހުކުމް ކޮށްފަ އެވެ.

އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއަކަށް އިއުތިރާފު ވުމުންނެވެ. އަދި ހަމަ އެ މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ނާޒިމްގެ މައްޗަށް އިއްވި ހުކުމް ލުއި ވީ އޭނާ ކުށަށް އިއުތިރާފްވެ، ތައުބާވެ، އެކަމަށް އާންމުންގެ ފަރާތުން މައާފަށް އެދިފައިވާތީ އެވެ.

ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އެވެ.