ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސްހުރި ދެ މީހަކު ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އެ ދެމީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ގަން އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު، އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް މިއަދު ހަވީރު 5:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހިފެހެއްޓީ ދަބަސް ޗެކް ކުރަން އުޅުމުން ދަބަހުގައި އޮތީ ބޮމެއް ކަމަށް ބުނެ ވާހަކަ ދެއްކުމުންނެވެ. އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ގަން އެއާޕޯޓު މިވަގުތު އޮތީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުންވަނީ ބުނެފަ އެވެ.

އަދި އެމީހުން ގެންގުޅުނު ތަކެތި އެމްއެންޑީއެފުން ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުރަން ގޮސް ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކުމުން މީގެކުރިން ވެސް ބައެއް މީހުން ރާއްޖޭގެ އެކި އެއާޕޯޓުތަކުން ހައްޔަރުކޮށްފައިވެ އެވެ.