އެމްޑީ އަލަމްގިރާއެކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހުމާން ރާފިއުއަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީޖުން ނިންމުމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދުނު ނަމަވެސް ކޯޓުން މިއަދު ވަނީ އޭނާ އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ދެން މިމައްސަލާގައި ދައުވާ ކޮށްފައިވާ ކުރީގެ ރައީސް ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު މައްޗަށް އިއްވާފައިވަނީ އެންމެ ތިން މަސްދުވަހުގެ ގޭ ބަންދުގެ ހުކުމެކެވެ. އަދި އަލަމްގިރީގެ މައްޗަށް އިއްވާފައިވަނީ ހަތް މަސްދުވަހަށް ޖަލުގެ ހުކުމެކެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޝަރުއީ ދާއިރާއަށް ވަނީ އަމާޒުވެފަ އެވެ.

ޕީޖީ އޮފީހުން ނިންމި ނިންމުމާއި ގުޅިގެން އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި އަލަށް ހުކުމެއް ބޮޑުވެގެން ދައުލަތުން އިސްތިއުނާފް ކުރަނީ ކަމަށާ އަދި އެ ވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުން ސާބިތުވި މީހެއްގެ ހުކުމެއް ކަމަށެވެ. އަދި އެ ކަމަކީ ޒުވާން ޖީލަށް ދެވޭ ނުބައި މެސެޖެއް ކަމަށް ވިދާޅުވެ އާޒިމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާޒިމާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ މެދު ދައުލަތުން އަމަލުކުރި ގޮތުގެ ހަނދާން އާކުރައްވަމުން ދައުލަތުން ހިންގަމުން ދަނީ ލަދުވެތި އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕީޖީ އޮފީހަށް ވަނީ ރައްދުވެފަ އެވެ.