ކަލާޒް ޓީވީގެ މަގުބޫލު ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ 10 ވަނަ ސީޒަން ފަށައިގެން ތިން ހަފްތާ ވެގެން ގޮސްފައިވާއިރު މިޝޯ ވެގެން ގޮސްފައި ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޝޯއަކަށެވެ. އަދި މިޝޯގައި ބައިވެރިވާ ފަންނާނުން އަންނަނީ ފޯރި ގަދަ ނެށުންތަކެއް ހުށައަޅައި ދެމުންނެވެ.

"ޖަލަކް ދިކްލާ ޖާ 10" ގައި ބެރިވެރި މަޝްހޫރު ޓީވީ އެކްޓަރު ދީރާޖް ދޫޕާ އަކީ ގިނަ ބަޔަކު ސަމާލުކަން ހޯދާފައިވާ ބައިވެރިއެކެވެ. އަދި އޭނާގެ ހުށައެޅުންތަކަށް މިޝޯގެ ޖަޖުންގެ ތައުރީފު ކޮންމެ އެޕިސޯޑެއްގައި ލިބިގެންދެ އެވެ.

އެހެން ނަމަވެސް ދީރާޖު މިހާރު މިވަނީ ޝޯއިން ވަކިވެގެން ގޮސްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދީރާޖު މިޝޯއިން ވަކިވެފައިވަނީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. ނިމިގެންދިޔަ ހަފްތާގައި ދެކި ޝޯއިން އޭނާގެ ފަޔަށް ގެއްލުމެއް ލިބިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ދީރާޖް ޑާންސް ރިއަލިޓީ ޝޯގައި ބައިވެރިވީ ފަސް އަހަރު ވަންދެން މަސައްކަތްކުރި ޓީވީ ޑްރާމާ ސިލްސިލާ "ކުންޑަލީ ބަގްޔާ" ދޫކޮށްލުމަށް ފަހު އެވެ.