ސްޓާ ޕްލަސް އިން ދެއްކި ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ތަރި ހީނާ ޚާން އަނެއްކާވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

"ބިގް ބޮސް 11" ގައި ވެސް ވާދަކުރި ތަރި ހީނާއަކީ ވަރަށް ގިނަ ފަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ތަރިއެކެވެ.

އިންސްޓަގްރާމްގައި ހީނާ ވަނީ އޭނާ ރާއްޖެ އައިސްގެން އުޅޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ރީތިކަމަށް ތައުރީފް ވެސް ކޮށްފަ އެވެ.

ހީނާ އަކީ ސްޓާ ޕްލަސްގެ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި ކުރިން އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ.

ހީނާ ޚާން.

އޭގެ ފަހުން ހީނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަގީ ކޭ" ދެވަނަ ސީޒަނާއި "ނާގިން 5" ހިމެނެ އެވެ. ހީނާ އަކީ "ބިގް ބޮސް 11" އާއި "ހަތުރޯން ކޭ ކިލާޅީ 8" ގައި ވެސް ވާދަކުރި ތަރިއެކެވެ.

ޓީވީ އުފެއްދުންތަކަށް ވުރެ ބޮޑަށް ހީނާ، 34، މިހާރު އިސްކަން ދެނީ ފިލްމްތަކާއި ވެބް ސީރީޒްތަކަށެވެ. އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2020 ގެ "ހެކްޑް" އެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އަހަރަކު ދެ ފަހަރުހެން ހީނާ ޗުއްޓީއަށް އާދެ އެވެ. އަދި އޭނާ ރާއްޖެ އައިސް ނަގާ ފޮޓޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ.