ފޯނުކޯލު ނިންމާލުމަށްފަހު، ބިޝާރާ އެނދުމަތީގައި އޮށޯވެ، ހަށިގަނޑު ދަމައިލިއެވެ. އޭނާގެ ދެ ލޮލުން ހީއަކަށް ނިރާލި ކަރުނަ، ކޯރެއްގެ ސިފައިގައި ބަންޑުންވާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ. އެއީ އޭނާ މި ވަގުތު ބޭނުންވި ގޮތެވެ. ބޭނުންވީ ހިތް ފުރޭންދެން ރޮއިލާށެވެ. ހިތުގައި އަނދަމުންދާ ގިނި، ކަރުނައިގެ ސިފައިގައި ދެ ލޮލުން ބޭރުކޮށްލެވޭތޯއެވެ. ހިތަށް ހަމަޖެހުން ނުލިބުނަސް، ލުޔެއް ހޯދައިދެވޭތޯއެވެ. އަޑުވީއްލައި ރޯކަށް އޭނާ ބޭނުންމެއް ނޫނެވެ. އެހެންނަމަވެސް ކޮޓަރީގެ ހަތަރު ފާރުގައި އޭނާގެ ރުއިމުގެ އަޑު ވަނީ ހިފާފައެވެ.
“ކޮން އަޑެއް މަށަށް މި އިވެނީ؟ ނަދާއޭ ކިޔައިގެން މި އިވުނީ ރަނގަޅު ވާހަކައެއްތަ؟” ނީނާ އައިސް ވަނުމާއެކު ހާޖަރާއަށް ފުރަތަމަ ވެސް ކުރެވުނު ސުވާލަކީ މިއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރީ، ކަންބޮޑުވުމާއި ހާސްކަމުގެ ދިލަ އަސަރެވެ. ދެ ލޮލުގައި ކަރުނައިގެ ތެތްކަމެވެ. އަޑުގައި ހުރީ ކުރަކިކަމާއި ތުރުތުރުއެޅުމެވެ.
ހާޖަރާގެ ސުވާލަށް ދޭނެ ޖަވާބެއް ނީނާއަކަށް ނުވިސްނުނެވެ. އޭނާއަށް އިސް އޮބައިލެވުނީ އެހެންވެއެވެ. ނަދާ އޮތީ މަންމަގާތު އެ ވާހަކަ ނުބުނާން އެދިފައެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން ހާޖަރާއާ ހަމައަށް އެ ޚަބަރު އައީއެވެ.
ހާޖަރާއާ ހަމައަށް އެ ޚަބަރު އައީ، ކޮންމެވެސް ގޮތަކުން ނޫނެވެ. އޭނާ ގާތު އެ ވާހަކަ ދެއްކީ ލަތީފެވެ. ލަތީފަށް އެ ކަން އެނގުނީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާއަށް އެ ކަން އެނގުމާއެކު، ވަގުތުން އައިސް އެ ހިތި ޚަބަރު، ކެކިކެކި ހުރި ފެންއެއްޗެއްގެ ސިފައިގައި ހާޖަރާގެ ކަންފަތަށް އަޅައިލީއެވެ. އަޅާނެ ވޭނަކަށް، ލިބޭނެ ތުރާލަކަށް ވިސްނުމެއް ނެތިއެވެ. ބޭނުން ވީ ވެސް އެ ޚަބަރުން ހިތްދަތިކޮށްލާން ކަމަށް ވެސް ވެދާނެއެވެ.
“ރަނގަޅު ވާހަކައެއްތަ އެއީ؟ ގުޅާގުޅާ ނަދާ ފޯނެއް ވެސް ނުނެގި.” ހާޖަރާއަށް ރޮވިއްޖެއެވެ.
ނީނާއަކަށް ދޮގުހަދާކަށް ނުކެރުނެވެ. މިއަދު ދޮގު ހަދައިގެން އެ ކަން ސިއްރުކުރެވިދާނެއެވެ. މާދަމާ ކޮންމެވެސް އެހެން ގޮތަކުން އެ ކަން އެނގޭނެއެވެ. ހެޔޮ ނިޔަތުގައި އޮޅުވައިލިޔަސް، އެނގޭ ދުވަހު ކުރާނީ ނަފުރަތެވެ. ބުއްދިވެރި ގޮތަކީ، ކަންތައް މިހައި ހިސާބަށް ދިޔުމުން، ފޮރުވުމެއް ނެތި ކިޔައިދިނުމެވެ. ނަދާގެ ހާލު މިހާރު އެހައި ގޯހެއް ވެސް ނޫނެވެ.
“މިހާރު ނަދާގެ ހާލު އިރާދަކުރެއްވީތީ ވަރަށް ރަނގަޅު.” ނީނާ ވާހަކަ ފެށީ ހާޖަރާގެ ހިތަށް ފިނިކަން ލިބޭ ފަދަ މޭރުމަކުންނެވެ.
“އެހެންވީމަ އެއީ ހަމަ ރަނގަޅު ވާހަކައެއް ދޯ!” ހާޖަރާގެ އަޑު ތުރުތުރުއަޅައިގަތެވެ.
“އާނ!” ހާޖަރާގެ މޫނަށް ނީނާއަށް ބަލައިލެވުނީ ވަރަށް އުނދަގުލުން ބަލައިލާ ކަހަލަ ގޮތަކަށެވެ.
“މަގޭ ދަރިފުޅު…..” ހާޖަރާގެ ތެޅިތެޅި އޮތް ހިތް، އިހުނަށްވުރެ ބާރަށް ތެޅިގަތެވެ. ބޭއިޚުތިޔާރުގައި އޭނާއަށް ރޮއިގަނެވުނެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ވެރިވީ ބިރުވެރިކަމެކެވެ. ބަލީގެ ބިރުވެރިކަމާއި ނުރައްކާތެރިކަމެވެ. އޭނާއަށް އިވިފައިވާ ގޮތުން މި ބަލި ޖެހޭ ގިނަ މީހުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކުރެއެވެ. އެހެންކަމުން އޭނާއަށް ސިފަކުރެވުނީ ނަދާއަށް ޖެހިފައި އެ ވަނީ މަރު ބަލި ކަމުގައެވެ.
“ނީނާ! ނަދާއަށް ގުޅައިދީ! އޭނަ މަ ގުޅީމަ ފޯނެއް ނުނަގާ! މަށަށް ހީވަނީ އޭނަ ވަރަށް ބަލިހެން!” ހާޖަރާއަށް ހަމަ ރޮވެނީއެވެ.
ނީނާ އެތައް ވާހަކައެއް ދައްކައިގެން ވެސް ހާޖަރާ ހަމައަކަށް ނޭޅުނެވެ. އެންމެފަހުން ނީނާއަށް މަޖުބޫރުވީ ނަދާއަށް ގުޅާށެވެ. ކަން ވީގޮތް ނަދާއަށް ކިޔައިދީފައި ހާޖަރާއަށް ފޯނު ދިނެވެ. ނީނާއާ ވާހަކަ ދައްކާލެވުމުން، ހާޖަރާގެ ހިތަށް ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ފިނިކަމެއް އިހުސާސްކުރެވުނެވެ.
މެންދުރު ފަހުގެ ވަގުތެވެ. ސިޔަރަތު ފެށޭ ގަޑި ކައިރިވާތީ، ރޭޑިޔޯ ހުޅުވާލައިގެން، ތައުފީޤު އިނީ ފޯނުން ނޫސް ކިޔާށެވެ. އެހެން އިންދާ ނިޒާރު ގުޅައިފިއެވެ. ނިޒާރު މި ވަގުތު ހުރީ ދެ ހަފުތާގެ ކަރަންޓީނުގައި އޮޅުވެލި ބީޗް އެންޑު ސްޕާގައެވެ. ކުރީ ދުވަހު ގުޅާފައި، އެ ތަނުގެ ޚިދުމަތްތަކުގެ ރަނގަޅު ވާހަކަ ނިޒާރު ވަރަށް އުފާވެފައި ދެއްކިއެވެ.
ކަރަންޓީނުގެ ދުވަސްތައް ނިޒާރު ސިފަކުރީ، ސަރުކާރު ޚަރަދުގައި ރިސޯޓެއްގައި ހޭދަކޮށްލާ ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައެވެ. ފަސް ތަރި ރިސޯޓެއްގެ އެއަރކޯން ކޮޓަރިއެއްގައި، ދުވަސްތައް ހޭދަކުރަމުން ގެންދާ، މުޅިން ތަފާތު އުފާވެރި ތަޖުރިބާއެއްގެ ގޮތުގައެވެ. ޓީވީ ހުރެއެވެ. ވައިފައި ލިބެއެވެ. ރޯދަ ވީއްލުމަށާއި ތަރާވީސް ދަމަށާއި ހާރަށް ރަހަ މީރު ފެންވަރު ރަނގަޅު ކެއުމެވެ. މަދުވަނީ އެންމެ ކަމެކެވެ. ކަރަންޓީނުގައި ހުންނަ މީހަކަށްވާތީ، ކޮޓަރިން ނިކުމެގެން ބޭނުންހައި ތަނަކަށް ގޮހެއް ނޫޅެވެއެވެ.
“ތައުފީޤު! ކޮބާ ކިހިނެއް ކަންތައްތައް؟” ތައުފީޤު ފޯނު ނެގުމުން ނިޒާރު އަހައލިއެވެ.
“ރަނގަޅެއް ނޫނެއްނު! ރިސޯޓު ކުދިން ކިހިނެއް؟” ތައުފީޤު ސަމާސާކޮށްލިއެވެ.
“މި ކޮޅު ހަމަ ވަރަށް ފައްކާ! ސަކީނާ ގާތު މިހާރު ބުނެފިން ރަށަށް ދާ ހިތެއް ނުވެއޭ ވެސް.” ނިޒާރު ހިނިގަނޑެއް ޖަހައިލިއެވެ. “ކުދިންކޮޅާއި އަންހެނުން ރަނގަޅު؟”
“އަލްޙަމްދުލިﷲ! ރަނގަޅު! މިހާރު ދެން އެންމެ ބޮޑު ކަންބޮޑުވުމަކީ، ކުރިއަށް އޮތް ދުވަސްތަކާމެދު ލަފާކޮށްފައިވާ ގޮތް. މި މަސް ނިމޭ ހިސާބު، ޕީކަށް އަރާނެ ކަމަށް އޮތީ ބުނެފަ. ޕޮޒިޓިވް ވާ މީހުން ދުވާލަކު ހާހަކަށްވުރެ ގިނަ ވާނޭކަމަށް ލަފާކުރަނީ.”
“ސުބުޙާނަﷲ! ތިޔަ ފަދަ ގޮތެއް މެދުވެރި ނުކުރައްވާށި!”
“ތީ ދުޢާއަކީ. ނަސީބަކުން މި މަހު 45 ވެންޓިލޭޓަރު ލިބޭނެ ވާހަކަ ވެސް ސަރުކާރުން ބުނެފި.”
“ކޮންތާކުން ގެންނަ އެއްޗެއް؟”
“ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން ކިޔައި ކުންފުންޏަކުން ގަންނަ ވެންޓިލޭޓަރުތަކެއްގެ ވާހަކަ ދެއްކިއެއްނު. އެއިން ބައެއް ލިބޭނެޔޯ”
“އާނ! ހަނދާން ވެއްޖެ. އެކަމަކު އެ ކުންފުނިން 75 ވެންޓިލޭޓަރު ގެންނަ ވާހަކައެއްނު އޭރު ކީ.”
“އާނ! އެއިން އެއް ބައޭ އެއީ. މި މަހުގެ 18 ވަނަ ދުވަހު 10 ވެންޓިލޭޓަރު ގެންނާނެޔޯ. މި މަހުގެ 25 ހާ ތާނގައި އަނެއް 35 ވެންޓިލޭޓަރު އަންނާނެޔޯ. އަނެއްބައި އަންނަ ޖޫން މަހު ލިބެޔޯ.”
“އަދި ވެސް ކޮންމެވެސް އެހެން ދެ ކުންފުންޏަކާ ހަވާލުކުރި ވާހަކަ ވެސް ދެއްކިއެއްނު!”
“އާނ! މެޑްޓެކް މޯލްޑިވްސް ކިޔާ ކުންފުންޏަކާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރި. އިތުރު 20 ވެންޓިލޭޓަރު ގެންނަން ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވެސް ހަވާލުކުރި.”
“އެ އެއްޗެހީގެ ޚަބަރަކީ ކޮބައި؟”
“އަދި ނޭނގެ.”
“މިހާރު ވަޒީފާއިން ކެނޑިފައި ތިބި ނަރުހުން އަލުން ޚިދުމަތަށް ނިކުތުމަށް ގޮވައިލީ ވެސް ޕީކަށް އަރާތީ ދޯ!”
“އާނ! އެހެންނު ވާނީ. އެ ބުނާ އަދަދަށް މީހުންނަށް ބަލިޖެހިއްޖެއްޔާ، މިހާރު މި ތިބަ މީހުންނަކަށް ނުތަކާނެއްނު. ޑޮކްޓަރުން ވެސް ނަރުހުން ވެސް އިތުރަށް ބޭނުންވާނެ! އެކަމަކު ކޮންތާކުން އެ ވަރަށް މީހުން ހޯދާނީ؟”
“ޤައުމު މި ހާލަތަށް ދާއިރު ވެސް، މީހުންގެ ނުބައި ކަމަކަށް މާ ބޮޑު ބަދަލެއް އަންނަހެނެއް ހިޔެއް ނުވޭ!” ނިޒާރު ވާހަކަ ބަދަލުކޮށްލިއެވެ. “ކުރީ ރޭ ވެސް އައްޑުއަތޮޅު މަރަދޫ ޞިއްޙީ މަރުކަޒުގައި ހުރި ތިޖޫރީ އެ އޮތީ ވަގަށް ނަގާފަ. ނަސީބަކުން 900 ރުފިޔާ ޔޯ އޭގަ އޮތީ. ހުންނާނީ ރާކަނި މަސް ކެވިފައެއްނު!” ނިޒާރު ގާތަށް ހިނިއައެވެ.
“ޓެރަރިޒަމްގެ އަމަލުތައް ހިންގާން ވެސް، މި ދުވަސްވަރު ބައެއް މީހުން މަސައްކަތް އެބަ ކުރެޔޯ!”
“އެހެންތަ؟ އެކަމަކު ވާ!”
“އާނ! ނޫސް ކޮންފަރެންސެއްގައި ހޯމް މިނިސްޓަރ ވިދާޅުވި، މިދިޔަ ހަފުތާގައި ވެސް، އެ ފަދަ ކަމެއް ހިންގާން އުޅުނު ދިވެހިންގެ ބަޔަކު ފުލުހުން ހުއްޓުވި ކަމަށް. މި ދިޔަ މަހު އދ. މަހިބަދޫ ފަޅުގައި އަޅާފައި ހުރި ލޯންޗުތަކެއް ވެސް އަންދާލިއެއްނު! އެއީ ވެސް އެ ކަހަލަ ކަމެއްނު.”
“ދެން ކީކޭ ބުނާނީ. އަވަހަށް ކަރަންޓީނު ނިންމާފަ ރަށަށް ދެވޭތޯ ބަލަންވީ.” ނިޒާރަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އާނ! ތިހެން ބުނީމަ މި ހަނދާންވީ. ރޭގަ ގުޅި ކަރަންޓީނުގައި ހުރި ރައްޓެއްސަކު. އޭނަ ބުނީ އޭނަ ހުރި ތަނުގެ ކަންކަން ވަރަށް ސަކަރާތޯ. ކެއުމާ ކަންކަން ވެސް ވަރަށް ގޯހޯ”
“މި ރަށުގަ ހުރި މީހެއްތަ؟” ނިޒާރަށް އަވަސް އަވަހަށް އަހައލެވުނެވެ.
“ކޮންމެވެސް އެހެން ރަށެއްގެ ވާހަކަ ބުނީ. ރަށެއް މިހާރު ހަނދާނެއް ނެތް.”
“އެހެންތަ؟ ނޭނގެ އެއްގޮތަކަށް ވެސް. މި ކޮޅު ހަމަ ވަރަށް ރަނގަޅު.”
ވާހަކަ މިހައި ހިސާބަށް ދިޔަތަނާ ސިޔަރަތު ފަށާ ގަޑި ޖެހިއްޖެއެވެ. އެ ރާގުކޮޅަކުން، ރަމަޟާންމަހުގެ ހަނދާންތައް ހިތަށް ވެރިކުރުވާ ރާގުކޮޅުގެ އަޑު، ތައުފީޤުގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެހައި ހިސާބުން ފޯނު ކުރުކޮށްލުމަށްފަހު، ހާޖަރާ ތައުފީޤުގެ ހިތްފަސޭހަ އަޑަށް އޭނާގެ ކަންފަތް ހުޅުވައިލިއެވެ. އިސާހިތަކު ސިޔަރަތުގެ ފޫހިވުމެއް ނެތް ހާދިސާތަކުގެ ތެރެއަށް އޭނާ ގެނބިއްޖެއެވެ.
ކުރީ ދުވަހު ފަޒުލާ އައިސް ދެއްކި ވާހަކައަކުން ފިޒާލުގެ ހިތުގެ މާޔޫސްކަން ވަނީ ވަރަށް ބޮޑުވެފައެވެ. އޭނާއަށް އަބަދު ވިސްނެނީ އެ ކަމާމެދުގައެވެ. އެ އެޕާޓުމަންޓުން ފައްސިވި ކުއްޖަކީ އަނެއްކާ ނަދާ ބާވައެވެ؟ ނަދާ މިހާރު އެއްގޮތަކަށް ނުފެންނަނީ އެހެންވެގެން ބާވައެވެ؟ ނަދާއަށް ބަލި ޖެހުނީ ކީއްވެގެން ބާވައެވެ؟ އެ ބަލީގައި ނަދާއަށް ވާނީ ކިހިނެއް ބާވައެވެ؟ މި ކަހަލަ އެތައް ސުވާލަކުން، ފިޒާލު ހިތް ވަނީ މާޔޫސްކުރުވާފައެވެ. އޭނާގެ ހިތް އޭނާއަށް ވިސްނައިދެނީ، އެންމެ ނުބައިކޮށެވެ. އެ ބަލީގައި ނަދާއަށް ދެރަ ގޮތެއް ވެދާނެއޭ އަބަދާއި އަބަދު ހިތް ބުނަނީއެވެ. އެހެން ހިތަށް އެރި ވަރަކަށް އޭނާގެ ހިތާމައާއި މޮޅިވެރިކަން ވަނީ ބޮޑެވެ. ކާހިތް ކުޑަވެ، އޮށޯވެ އޮތުން ގިނަ ވަނީއެވެ.
ފިޒާލަށް އަންނަމުން ދިޔަ ބަދަލުތަކާމެދު، މަދީހާއަށް ވިސްނެނީ މާ ބޮޑަށެވެ. ފަޒުލާ ލައްވާ އަހުސަނު ގާތުގައި ވެސް އަހައިފިއެވެ. ދޮންބެގެ ނަދާއަކީ ކޮން ކުއްޖެއްކަން އެނގޭތޯއެވެ. އެހެންނަމަވެސް ފިޒާލުގެ ހުއްދައެއް ނެތި، އެ ވާހަކަ ކުރިއަށް ގެންދާކަށް އަހުސަނަކަށް ނުކެރުނެވެ. އަހުސަނަށް ހަދަންޖެހުނީ ދޮގެކެވެ. އެނގި ހުރެ ނޭނގޭކަމަށް ބުނީ، ހިތާ ދެކޮޅަށެވެ. ފިޒާލު ކުއްޖަކާ ރައްޓެވެގެން، ނޫނީ ކުއްޖަކު ދެކެ ލޯބިވެގެން އުޅޭކަން އެނގޭ ކަމަށް ވެސް އޭނާ ނުހެދިއެވެ. ބުނެވޭ އެއްޗަކުން، ފިޒާލު ނުރުހިދާނެތީއެވެ. ފިޒާލު އޭނާއާ ހިއްސާކުރާ ސިއްރުތައް، އެހެން މީހުންނާ ހިއްސާކުރުމަކީ، އޭނާ ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. އެ ދެ މީހުންގެ މެދުގައި އޮންނަ، ގާތް ރަޙުމަތްތެރިކަމުގެ ސިއްރަކީ، އެކަކު އަނެކަކަށް ކުރާ އިތުބާރެވެ.
ފިޒާލުގެ ހިތަށް އަނިޔާދެމުން ގެންދާ ނަދާއަކީ، ކާކުކަން ހޯދަން މަދީހާ ހިނގައިގަތް މަގު ބަންދުވެއްޖެއެވެ. އޭނާ ހީކުރީ އެ މަގުން ގޮސް، ނަދާއާ ހަމައަށް ފޯރާނޭ ކަމަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން މަގު ބަންދުވެ، ކުރިއަށް ދާނެ ދިމާއެއް ނުފެނި، އޭނާއަށް ޖެހުނީ އެނބުރި އައިކޮޅަށް ހިނގައިގަންނާށެވެ. އިތުރު މަގެއް ނުވަތަ ހަނި ގޯޅިގަނޑެއް ނަމަވެސް ފެނޭތޯ ވިސްނަމުންނެވެ.
“މަށަށް ވެސް ވަރަށް ބޮޑަށް ތި ކަމަކާ، މިހާރު އެބަ ވިސްނޭ. ތިއީ ކޮން ކުއްޖެއްތޯ ބަލާފަ ތިކަން ވޭތޯ އެބަ ޖެހޭ ބަލަން.” ތައުފީޤާއި މަދީހާ އެރޭ ނިދަން ތިބެ، ފިޒާލާ ބެހޭގޮތުން ކުރި މަޝްވަރާގެ ތެރޭގައި ތައުފީޤު ބުންޏެވެ.
“އެކަން ބެލޭނެ ގޮތެއް ވެސް ނެތް.” މަދީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެކަމަކު ފިޒާލު އެ އޮންނަ ގޮތް ފެނިފައި ހާދަ ހިތްދަތިވޭ.”
“މަށަށް ފެންނަނީ ފިޒާލު ގާތުގައި އަހަން.” އިރުކޮޅަކު އޮވެފައި ތައުފީޤު ބުންޏެވެ.
“ފަޒުލާ ލައްވާ އަހައިފީމޭ ބުނީމެއްނު!”
“މަދީހާ ގޮސް އަހާ! މަދީހާ އެހީމަ ނުކެރޭނެ ނުބުނެ ހުންނާކަށް!” ތައުފީޤުގެ އެ ޖުމުލައަށް އެއްވެސް އެއްޗެއް ނުބުނެ މަދީހާ އޮތެވެ. ތައުފީޤު އެ ބުނި އެއްޗަކާމެދު ވިސްނާށެވެ!
“ކޮންކަމަކާ މާ ވަރަކަށް ތި ވިސްނަނީ؟ ތި ވަރަށް ވިސްނާން ވެއްޖިއްޔާ، ދެން ތިހިރަ އިސްތަށިކޮޅު ވެސް ވަޔަށް ބުރައިގެން ހިނގައިދާނެ!” ފިހާރައިގެ ކޮށިގަނޑު ދޮށުގައި ހާރޫނު އިންދާ، ފިހާރައަށް ވަން އެކުވެރިއަކު ހާރޫނާ ސަމާސާ ކޮށްލިއެވެ.
“ފިހާރައިގެ ހަރުތަކެއް ނުފެނޭތަ؟ ވިސްނޭވަރު އަދި ކުޑައެއްނު. މުދާކޮޅު ހުސްވެ ފިހާރަ ހުލިވީ.”
“ދޮގެއް ނޫން!” އެކުވެރިޔާ ފިހާރަތެރެއަށް ނަޒަރު ހިންގައިލިއެވެ. “މާލެ ނުދެވޭތީ ވާ ގޮތް ދޯ!”
“އާނ! ދެން ކީއްކުރާނީ؟ މި ދުވަސްކޮޅު މާލެ ދިއުން ވެސް ރައްކާތެރި ނުވީމަ ވާ ގޮތް!”
“ވާފިރު ފިހާރައަށް ކުރީ ދުވަހު ވެސް އެއްޗެހި ގެނެއްސި. ހާރޫނު ވެސް އެ ކަމާ އުޅެބަލަ!”
“ވާފިރަކީ ދުނިޔެއާގެން މޮޔަވާ މީހެއް. މޫސުމަކަށް ބައްޔަކަށް އޭނަ ނުބަލާނެ!”
ހާރޫނުގެ މި ވާހަކަ އިވިފައި، އެ ތަނުގައި ހުރި މީހާ ގާތަށް ހިނިއައެވެ. އޭނާ ބުނި ކަހަލައެވެ. ނަންވާނީ ވާފިރެވެ. ދުނިޔެ މުށަށް ނުލެވިގެން، އަބަދު އަރާ ނަރުގަނޑުގައި ވިދިފައި އިންނަނީ ކާކު ބާވައެވެ؟
“ކޮބާތަ މިހާރު މިތާ އިންނަ މަންޖެ؟”
“ތީ އަނެއްކާ އަނެއް ވާހަކަ. ހަފުތާއަކަށޭ ކިޔާފަ މަށަށް ދޮގުހަދާފަ މާލެ ދިޔަ މީހެއް އެއީ. މިހާރު އުޅެނީ މި ބަލި ޖެހިގެން. ވީ ގޮތް ރީއްޗެއްނު!” ހާރުނުގެ ދަތްޕިލަ ބާރުވިއެވެ.
ހާޖަރާއަށް ފިހާރައަށް އައިސް ވަދެވުނީ، އެ ވަގުތުއެވެ. އޭނާ އެ އައީ ހާރޫނު ގުޅާފަ އަންނާން ބުނެގެންނެވެ. ކީއްކުރާންކަމެއް ނޭނގެއެވެ. ހާޖަރާ އައިސް ވަނުމުން، ފިހާރައިގައި ހުރި މީހާ ނިކުމެގެން ހިނގައްޖެއެވެ.
“ހާޖަރާ ގާތު އަންނަން ބުނީ، ވާހަކައެއް ދައްކައިލަން! ނަދާއަށް ވެސް މި އުޅޭ ނުރައްކާތެރި ބަލި ޖެހިއްޖޭ ކިޔާ އަޑު އެހިން. ތެދެއްތަ އެއީ؟”
ހާޖަރާއަކަށް އަނގައަކުން ނުބުނެވުނެވެ. ދެ ލޯ ފެންކަޅިވިއެވެ. ހަމައެކަނި ބޯ ޖަހައިލެވުނީއެވެ.
“އޭނަ ވަޒީފާގައި ދެން ބެހެއްޓޭކަށް މަށަކަށް ނޯންނާނެ. މިއަދުން ފެށިގެން ވަޒީފާއިން ވަކިކޮށްފައޭ ތިހިރީ އޭނާ ގާތު ބުނޭ!”
ހާޖަރާއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާ ހާރޫނު ގާތު އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެތައް ވާހަކައެއް ދައްކާން ބޭނުންވިއެވެ. އެހެންނަމަވެސް އެ ކަހަލަ ރުންކުރު، އަމުދުން ރަހުމެއް ނެތް، ލަނގޮނޑީގައި ނާށި ލައިފައި ހުރި މީހެއް ގާތު، އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ.
“ހާޖަރާއަށް މިއަދު އަހަރެން ވަރުގެ ނުބައި މީހަކު ނުހުންނާނެ ކަންނޭނގެ. އެކަމަކު އޭނާ ރަށަށް އާދޭތޯ ވަރަށް ގިނަ ދުވަހު މަށަށް ހުރެވިއްޖެ! އެހެން ހުއްޓާ އެންމެފަހުން މި އެނގުނީ އޭނާއަށް އެ ބަލި ޖެހުނުކަން. ދެން އޭނަ މި ތަނަށް ވައްދައިފިއްޔާ، މި ތަނުން ވިޔަފާރިކުރާނެ މީހަކު ވެސް ނުވާނެ! މަ ފުރަތަމަ ވިސްނާނީ މަގޭ ވިޔަފާރިއަށް. އެހެންމީހަކާ ދޭތެރޭ ވިސްނޭނީ އޭގެ ފަހުން. އެންމެ ރަނގަޅު ދެން ދިޔަސް. އެ ވާހަކަ ބުނެލަން އަންނަން ބުނީ.”
ދެ ލޮލުން ކަރުނަ ފޮހެލަމުން، ހާޖަރާ ހިނގައިގަތީ ފިހާރައިން ނިކުތުމަށެވެ. ދޮރު ހުޅުވައިލީ ކޮންމެވެސް ގޮތެއް ދައްކަވާނޭކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ. ހާޖަރާއާއި އޭނާގެ ދަރިފުޅުގެ ރިޒުޤު އަރާނީ ހާރޫނުގެ އަތްމައްޗަކަށް ނޫނެވެ. ދުނިޔެއަށް ފޮނުއްވި ކޮންމެ އަޅަކަށް ވެސް މަރުގެންނެވުމާ ހަމައަށް ގޮތް ހުސްނުވާނޭކަން ޔަޤީންކުރާ ހާލުގައެވެ.
މެންދުރު ފަހުގެ ވަގުތެވެ. ނަމާދުކޮށް ދުޢާކޮށްލައި ހަދާލުމަށްފަހު، މަދީހާ ކޮޓަރިން ނިކުތީ، ފިޒާލުގެ ގާތަށް ދިޔުމަށެވެ. ތައުފީޤުގެ ޚިޔާލާ އެއްގޮތަށް ފިޒާލާ ވާހަކަ ދައްކައިލުމަށެވެ. އޭނާ ގޮސް ފިޒާލުގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅަކުން ފިޒާލު އައިސް ދޮރު ހުޅުވިއެވެ.
ނުނިމޭ