ޓޯކިޔޯ (27 ސެޕްޓެމްބަރު) އަވަހާރަކޮށްލާފައިވާ ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވައިފި އެވެ.

ޓޯކްޔޯގެ ނިޕޮން ބުޑޮކަން އެރީނާގައި ބޭއްވި މި ޖަނާޒާގައި މުޅި ޖުމްލަ 4،300 މެހްމާނުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 700 އަށްވުރެ ގިނަ ބޭރުގެ ޑިޕްލޮމެޓުން ވެސް ހިމެނެ އެވެ.

ޖަނާޒާއަށް އަބޭގެ އަޅިކޮޅު ގެނެސްދިނީ އޭނާގެ ހުވަފަތް އަނބިކަނބަލުންނެވެ. އެއަށްފަހު އަބޭގެ ސިޔާސީ ހަޔާތްޕުޅުގައި ފާހަގަކޮށްލެވޭ ކަންކަން ހިމެނޭ ވީޑިއޯއެއް ދައްކާ ބަޑީގެ ސަލާން އަރުވާފައިވެ އެވެ.

މި ޖަނާޒާއަށް ޖަޕާނުގެ ރަސްގެފާނުގެ ދެކަނބަލުން ވަޑައިނުގެންނެވި ނަމަވެސް ވަލީއަހުދު ބައިވެރިވި ކަމަށް ހަބަރުތައް ބުނެ އެވެ.

ޝިންޒޭގެ ޖަނާޒާއަށް ޖަޕާނުގެ ސަރުކާރުން 12 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. އެހެން ކަމުން މިއީ މިދިޔަ ހަފްތާގައި ބޭއްވި އިނގިރޭސި ރާނީ އެލިަބަތުގެ ޖަނާޒާއަށް ވުރެ ވެސް އަގުބޮޑު ޖަނާޒާއަކަށް ވަނީ ވެފަ އެވެ.

އަބޭގެ ރަސްމީ ޖަނާޒާއަށް ދެކޮޅު ހަދައި އަޑު އުފުލުމުގެ ގޮތުން ޖަޕާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވާއިރު މި މުޒާހަރާތަކުގައި ގިނަ ބަޔަކަށް އަނިޔާވެފައިވެސް ވެ އެވެ.

އަބޭއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި އިހްތިރާމް ލިބިގެންވި ޝަހްސިއްޔަތަކަށް ވި ނަމަވެސް އޭނާގެ ގައުމުގައި އަބޭ ވެފައިވަނީ މައްސަލަ ބޮޑު ފަރާތަކަށެވެ.

އަބޭ އަވަހާރަކޮށްލާފައިވަނީ ސިޔާސީ އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށް މިއަހަރުގެ ޖުލައި މަހުގަ އެވެ. -- އަލް އަރަބިއްޔާ