ސްޓޮކްހޯމް (28 ސެޕްޓެމްބަރު) ރަޝިއާ އިން ޔޫރަޕަށް ގޭސް ފޮނުވާ ދެ ހޮޅިއަކަށް ގެއްލުންވެ ލީކު ވަމުންދާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޔޫރަޕުން ބުނެފި އެވެ.

ޑެންމާކް، ސްވިޑަން އަދި ޖަރުމަނުން ބުނާ ގޮތުގައި ހޮޅިތަކުން ގޭސް ލީކުވާން މެދުވެރިވީ އެ ހޮޅިތަކަށް ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.

މިދިޔަ ހޯމަ ދުވަހު ގޭސް ލީކެއް އުޅޭ ކަމުގެ ފުރަތަމަ ރިޕޯޓު ލިބުނުއިރު މިކަމުގެ ފަހަތުގައި ވަނީ ކޮން ފަރާތެއް ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ. ޔޫރަޕުން ތުހުމަތުކުރާ ގޮތުގައި ގޭސް ލީކުގެ މައްސަލައަކީ ބަޔަކު ރާވައިގެން ދިން ހަމަލާ އެކެވެ.

ޖަރުމަނުގެ އިކޮނޮމިކް މިނިސްޓަރު ރޮބާޓް ހަބެކް ވިދާޅުވީ މި ގެއްލުންތަކަކީ ގުދުރަތީ ގޮތުން ނުވަތަ ހޮޅިތަކުގެ ބަލިކަމުން ލިބުނު ގެއްލުމަކަށްވުރެ ބޮޑަށް ބެލެވެނީ ގަސްދުގައި ދީފައިވާ ގެއްލުންތަކެއް ކަމަށެވެ.

މި ހާދިސާގައި ގެއްލުން ވެފައިވަނީ ނޯޑް ސްޓްރީމް 1 ގޭސް ހޮޅިއަށެވެ. މި ހޮޅިއަކީ ރަޝިއާ އާއި ޔޫރަޕްގެ ގައުމުތަކުން ބިލިއަނުން ހަރަދުކޮށްގެން ހަދާފައިވާ ނިޒާމެކެވެ. ނޯޑު ސްޓްރީމް 2ގެ މަސައްކަތް ހުއްޓިފައި ވަނީ ރަޝިއާ އިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށި ހިސާބުންނެވެ.

ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ ރަޝިއާ އިން ޔޫރަޕަށް ފޮނުވާ ގޭސް ބޮޑުތަނުން ދަށްކޮށްފައިވާއިރު މިއީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫރަޕުން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެޅި ރައްދު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. -- ރޮއިޓާސް