އިންޑިއާގައި ދަނޑުވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުތަކަކީ އިންޑިއާއި ޕާކިސްތާނުގެ ބޯޑަރު މައްސަލަތަކެއްކަމަށް ވިދާވުމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ބުދަ ދުވަހު ޕާލަމެންޓްގައި ވާހަކަ ދެއްކެވުމަށްފަހު ޕާލަމެންޓްގެ މެމްބަރު ތަންމަންޖީދު ސިންގް ދެސީ އިންޑިއާގައި މިހާރު ކުރަމުންދާ އިހުތިޖާޖުގައި ދަނޑުވެރިންނާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންތައްތައް ކުށްވެރިކޮށް އިނގިރޭސި ސަރުކާރުން އެއްޗެއް ވިދާޅުނުވާނެ ތޯ އާއި ހުރިހާ އެންމެންނަށް ވެސް ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ބޮޑުވަޒީރު ގަބޫލުފުޅު ކުރަންވަންތޯ ސުވާލުކުރެއްވުމުން، މިހާރު އިންޑިއާއި ޕާކިސްތާނާ ދެމެދު ހިންގާ ކަންކަމާއިމެދު އިނގިރޭސި ސަރުކާރުން ކަންބޮޑުވާކަމާއި އަދި މިކަންކަން ހައްދުލުކުރާނީ އެ ދެގައުމުން ކަމަށް ދެކޭ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު މިހެން ޖަވާބުދެއްވީ މިހާރު ހިނގާ ކަންކަމުގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައިގެން ނުގެންކަން ބޮޑުވަޒީރުގެ ޖަވާބުން އެނގެ އެވެ.

ޓުވިޓާގައި ބޮޑުވަޒީރަށް ފާޑުކިޔަމުން މީހަކު ބުނީ މި މައްސަލައަކީ އިންޑިއާއި ޕާކިސްތާނުގެ ދެމެދު ޖެހިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، ބޮޑުވަޒީރަށް އެކަން ނޭގެނީތޯ ސުވާލުކުރެއްވި އެވެ.

ޕާލަމެންޓް މެމްބަރެއް ކަމަށްވާ ޒާރާ ސުލްތާން ޓްވިޓާގައި ވިދާޅުވީ އިންޑިއާއީ ޕާކިސްތާނުގެ ބޯޑަރު މައްސަލައާއި މިހާރު އިންޑިއާގެ ދަނޑުވެރިން ކުރާ އިހުތިޖާޖުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ބޮޑުވަޒީރަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިނގިރޭސި ވިލާތުގެ މީހުންގެ އިތުރުން އިންޑިއާގެ މީހުން ވެސް ވަނީ ޓްވިޓާގައި ބޮޑުވަޒީރަށް ފާޑުކިޔާފަ އެވެ. އަދި ފޮރިން މިނިސްޓްރީން ބޮޑުވަޒީރަށް ރަނގަޅަށް ބްރީފްކޮށްދިނުމަށް ގޮވާލައްވާފައިވެ އެވެ. - އަލްޖަޒީރާ