ޓީޗަރުނަށް ޓިއުޝަން ދެވޭނެ ގަޑީގެ އަދަދު ކަނޑައެޅުމަށް މަސައްކަތް ކުރާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވަނީ ބިދޭސީ ޓީޗަރުން ޓިއުޝަން ނަގައިގެން 90،000 އާއި ލައްކައިން ފައިސާ ނަގަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަން މިނިސްޓްރީން ބަލާފައިވޭތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވެސް ވަނީ އެ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން މިހާރު އޮންނަ ގޮތުން ޓިއުޝަން ދިނުމުގައި ވަކި ލިމިޓެއް ނޯންނަ ކަން ފާހަގަކުރައްވައި މިނިސްޓްރީން އެކަމަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗިން ލައިސަންސް ދިނުމުގައި އެ ކަހަލަ ގަވައިދުތަކެއް ހަދަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ކިޔަވާ ކުދިންގެ ޓިއުޝަނަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމަށް ހައްލެއް ގެނެވޭތޯ އޭނާ ސުވާލުކުރައްވާފައިވެ އެވެ. އެގޮތުން ޓީޗަރުންގެ މުސާރަ ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު ވެސް ކުދިންނަށް ޓިއުޝަނަށް ކުރާ ހޭދަ ބޮޑުވުމުން އެކަމަށް ބަދަލލެއް އަންނާނެ ދުވަހެއް އަންނާނެތޯ އޭނާ ސުވާލުކުރި އެވެ.

މިކަމަށް ޖަވާބުދެމުން މިނިސްޓަރު ވިދާޅުވީ، ޓިއުޝަނަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ސްކޫލްތަކުގައި އިތުރު ޕްރޮގްރާމްތަކެއް ހިންގަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.

"އެހެންވެ ސްކޫލުތަކުގައި ރިމީޑިއަލް ޕްރޮގްރާމްތަކެއް ހިންގަން ފަށާފައި ވަނީ. ހަމަ އިތުރަށް ކޮވިޑާ ގުޅިގެން އައި ލާނިން ލެސަންގެ ކަންތައްތައް ވެސް އަޅުގަނޑުމެން އެސެސްމަންޓެއް ދީފަ ބަލާފައި ކުދިންނަށް ބޭނުންވާ އިންޓަވެންޝަންތައް ވެސް ސްކޫލުތަކުގެ ތެރެއިން ދިނުމުގެ މަސައްކަތް ފަށާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.