ބިގް ބޮސްގެ ނަމުގައި 2006 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ރިއަލިޓީ ޝޯގެ 15 ސީޒަން މިހާތަނަށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު، 16 ވަނަ ސީޒަން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަލާޒް ޓީވީން ގެނެސްދޭނެ އެވެ.

މިފަހަރުގެ ސީޒަންގައި ވެސް ހޯސްޓް ކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލާމާން ޚާނެވެ.

ކޮންމެ ފަހަރަކުވެސް ބިގްބޮސް ފެށެން ތައްޔާރުވާއިރު މިޝޯއާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެ. އަދި މިޝޯގެ ހޯސްޓް ސަލްމާނާ ގުޅޭ ގޮތުން ވެސް މީޑިއާގައި އެކި ފަހަރު އެކި ގޮތަށް ހަބަރުތައް ފެތުރިގެންދެ އެވެ.

އެގޮތުން މިފަހަރުގެ ސީޒަންގައި ސަލްމާން ނުފެންނާނެ ކަމަށް ވެސް މީގެ ކުރިން މީޑިއާގައި ރިޕޯޓް ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ދޮގުކޮށް މި ފަހަރުގެ ސީޒަން ވެސް ހޯސްޓް ކުރަނީ ސަލްމާންކަން ހާމަވުމާ އެކު އޭނާގެ މިފަހަރުގެ ސީޒަނަށް ފީ ބޮޑުކުރި ވާހަކަ ފެތުރިގެން ދިޔަ އެވެ.

މި ފަހަރުގެ ސީޒަންގައި އެންމެ ފަހުން ނިމިގެންދިޔަ "ބިގް ބޮސް" ސީޒަން 15 ގައި ސަލާމާން ނެގި މުސާރައަށް ވުރެން ބޮޑު މުސާރައެއް މިފަހަރު ކިޔާފައިވާ ކަމަށެވެ. އެގޮތުން މި ފަހަރުގެ ސީޒަންގެ މުސާރައަކީ މިދިޔަ ސީޒަންގެ މުސާރާގެ ތިން ގުނަ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ބިގް ބޮސް 15" ގައި ސަލްމާން މުސާރައިގެ ގޮތުގައި ނަގާފައިވަނީ 350 ކްރޯޑް ރުޕީސް އެވެ. މީޑިއާގައި މިހާރު ދެކެވޭ ވާހަކަތައް ހަގީގަތަކަށްވެއްޖެ ނަމަ މިފަހަރުގެ ސީޒަނުގައި ސަލްމާންގެ މުސާރާގެ ގޮތުގައި ލިބޭނީ 1050 ކްރޯޑް ރުޕީސް އެވެ.

މި ވާހަކަތަކަށް ވެސް އެންމެ ފަހު ސަލްމާން މިވަނީ ރައްދު ދީފަ އެވެ. އުޖޫރައާ ބެހޭ ގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސަލްމާން ބުނީ އޭނާ އަށް ބިގް ބޮސްގެ ކުރީ ބައިތަކުގައި އެތައް މިލިއަން ރުޕީސްއެއް އަދިވެސް ނުލިބޭ ކަމަށެވެ.

"މި މިންވަރު އަޅުގަނޑަށް ލިބިއްޖެ ނަމަ އަހަރެން ދިރިއުޅުމުގައި މަސައްކަތެއް ނުކުރާނަން... އެ 1000 ކްރޯޑު ރުޕީސް، އަޅުގަނޑަށް މިފަހަރު ލިބޭނެ ކަމުގެ އަޑުތައް ފެތުރިފައި އޮތީމާ، އަޅުގަނޑު އުޅުނީ، އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުލިބުނު ފައިސާ އަނބުރާ ދޭން. އެހެންވެ، ކަލާސް އިން ފުރިހަމަ ފައިދާ ލިބޭނެ،" ބިގް ބޮސް ހުށަހަޅައިދޭ ފީގެ ގޮތުގައި 1،000 ކްރޯޑް ރުޕީސް އަށް އަރާ ކަމަށް ފެތުރިފައިވާ ހަބަރާ ބެހޭ ގޮތުން ސަލްމާން ބުންޏެވެ.

ބިގް ބޮސް ހޯސްޓެއްގެ ގޮތުގައި އެނބުރި އައީ ކީއްވެތޯ ސުވާލު ކުރުމުން ސަލްމާން ބުނީ މި ޝޯއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށް، އެތައް ބަޔަކާ ބައްދަލު ކުރެވޭ ކަމަށެވެ.

"މި ޝޯ ކުރިއަށްދާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަހަރެމެން އާއިލާއެއް ފަދައިން މި ޝޯގައި ބައިވެރިވާ ފަންނާނުންނާ ގުޅުން ބަދަހިވެގެންދެ،" ސަލްމާން ބުންޏެވެ.

ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ އާ ޕްރޮމޯއެއް ވެސް ވަނީ ދައްކާލައިފަ އެވެ.

މި ފަހަރުގެ ސީޒަނުން ފެންނާނެ ކަމަށް ބުނާ ސެލެބްރިޓީންގެ ތެރޭގައި ދިވްޔާ އަގަރްވާލާއި، ޖަންނަތު ޒުބައިރާއި، ސަޔާނީ އިރާނީ، އާއި އުރްފީ ޖާވިދާއި، ކަނިކާ މަން އާއި، ޕްރާޗީ ދެސާއީ، އާއި އަރުޖުން ބިޖިލާނީ ،އާއި ވިވިއަން ޑިސޭނާގެ އިތުރުން މުނައްވަރު ފާރޫގީ އަދި ޝިން ނަރަންގް ހިމެނެ އެވެ.

މިދިޔަ އަހަރު "ބިގް ބޮސް 15" ކާމިޔާބުކުރީ ކަލާޒް އިން ދައްކާ ސިލްސިލާ "ނާގިން 6" ގެ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.

ޑަޗް ރިއަލިޓ ޝޯވ "ބިގް ބްރަދާ" އަސްލަކަށް ބަލައިގެން އުފެއްދި "ބިގް ބޮސް" ރިއަލިޓީ ޝޯ ގެނެސްދޭން ފެށީ 2006 ވަނަ އަހަރު އެވެ. މިހާތަނަށް 1،608 އެޕިސޯޑު ގެނެސްދީފައިވާ މި ޝޯ ފުރަތަމަ ދައްކަން ފެށީ ހިންދީ ބަހުންނެވެ. އޭގެފަހުން މިހާރު އިންޑިއާގައި ވާހަކަ ދައްކާ، ކަންނާޑާ، މަލަޔާލަމް، ބެންގާލީ، ތަމަޅަ އަދި މަރާޓީ ބަހުން ވެސް މި ޝޯ ގެނެސްދެ އެވެ.