ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާ އާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ ފަހަކަށް އައިސް އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވުނު ވާހަކަތަކެވެ.

ރަންބީރު ވަނީ ދާދި ފަހުން އެ ދެ މީހުން އެކީ އުޅެން ފެށި ފަހުން ހަޔާތަށް އައި ބަދަލުތަކާ ގުޅޭ ބައެއް ވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން ރަންބީރު ވަނީ އާލިއާއާ އެކު ނިދަން ވަރަށް އުނދަގޫ ކަމަށް ބުނެފަ އެވެ.

ރަންބީރު ބުނެފައިވާ ގޮތުގައި އާލިއާ އަކީ ނިދީގައި ވަރަށް ފެތުރޭ މީހެކެވެ. އަދި އޭނާގެ އަތާއި ފައި އެނދުގެ އެކި ދިމާތަކުގައި އޮންނަ ކަމަށާއި، މުޅި އެނދު ވެރިކޮށްލަނީ އާލިއާ ކަމަށް ރަންބީރު ބުނެފައިވެ އެވެ.

ރަންބީރު އިތުރަށް ބުނީ، އާލިއާ އެނދު ވެރިކޮށްލުމުން އޭނާ ނިދަނީ އެނދުގެ ކަނެއްގައި ފައި ކުރުކޮށްގެން ކަމަށެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އެ ދެ މީހުން ކައިވެނިކުރީ މި އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެވެ. ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، މިހާރު އާލިޔާ އާއި ރަންބީރު ދަނީ އެ ދެމަފިރިންނަށް ލިބެން އުޅޭ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.