ދީޕިކާ އާއި ރަންވީރުގެ ޖޯޑަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެކެވެ. ހަމައެހެންމެ އެ ދެ ފަންނާނުން އެެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރުމަކީ އާންމުންގެ ހިތަށް ލިއްބައިދޭ ފިނިކަމެކޭ ބުނުމުން ވެސް ގޯހަކަށް ނުވާނެ އެވެ.

އެހެން ނަމަވެސް ދާދި ފަހުން ކާކުކަން ނޭނގޭ ޓްވީޓާ އެކައުންޓަކުން ވަނީ ދީޕިކާ އާއި ރަންވީރުގެ ގުޅުން ހީނަރުވެއްޖެ ކަމަށާއި، އެ ދެ ތަރިންގެ މެދުގައި ވަރަށް ބޮޑަށް މައްސަލަ ޖެހިއްޖެކަމަށް ބުނެފަ އެވެ. އަދި މި ޓްވީޓް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފަ އެވެ.

އެއާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގެ ހަގީގަތް އޮޅުން ފިލުވުމަށް ބޭނުންވެ، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. ނަމަވެސް މި ކަމަކީ ރަންވީރާއި ދީޕިކާ ވެސް ނުދެނަހުރި ކަމެއް ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންވީރު ވަނީ އެ ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ދެ މީހުން 2012 ވަނަ އަހަރުން ފެށިގެން އަދިވެސް އުޅެމުން ދަނީ ލޯބިން ކަމަށް ރަންވީރު ބުނެފައިވެ އެވެ.

"2012 ވަނަ އަހަރުން ފެށިގެން 2022 އާއި ހަމައަށް ދީޕިކާ އާއި އަހަރެން މިއުޅެނީ. އެކީގައި މިއުޅެނީ 10 އަހަރުވަންދެން ވަރަށް ލޯބިން" ރަންބީރު ބުނެފައިވެ އެވެ.

ރަންވީރާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެ ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅުނު ކަމުގެ ހަބަރު އާންމުންނާއި ހިއްސާކުރީ، ލޯބީގެ ގޮތުން ގުޅުނުތާ ހަ އަހަރު ފަހުންނެވެ.