އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި އޭނާގެ މަންމަ ޝޯބާ ކަޕޫރު ހައްޔަރުކުރުމުގެ އަމުރެއް ބިހާރު ކޯޓުން ނެރެފި އެވެ.

އިންޑިއާގެ ބިހާރު ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ އެކްތާ ކަޕޫރު ގެނެސްދިން ވެބް ސީރީޒެއްގައި ސިފައިންގެ ބަޔަކާއި އެ މީހުންގެ އާއިލާއަށް ހުތުރުވާ ގޮތަށް މަންޒަރުތަކެއް ގެނެސްދިން ކަމަށް ބުނެ ކުރިން ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތްކުރި ޝުމްބާ ކުމާރު މައްސަލަ ކޯޓަށް ހުށަހެޅުމާއެކު އެވެ.

މި ވެބް ސީރީޒް ގެނެސްދީފައިވަނީ އެކްތާގެ ސްޓްރީމިން ޕްލެޓްފޯމް އޯލްޓް ބާލާޖީގަ އެވެ. 2020 ވަނަ އަހަރު ގެނެސްދިން "ޓްރިޕް އެކްސް" ގެ މަންޒަރުތަކުގައި ސިފައިންނަށް ކުޑައިމީސްކޮށް ސިފައިންގެ އާއިލާތަކަށް ފުރައްސާރަ ކޮށްފައިވާ ކަމަށް އޭނާ ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

މި މައްސަލަ ކޯޓުން ބަލައި ގަނެ، އެކްތާ އާއި ޝޯބާ ހައްޔަރުކުރަން ކޯޓް އަމުރެއް ނެރުނީ ބިހާރު ކޯޓްގެ ފަނޑިޔާރު ވިކާސް ކުމާރެވެ.

މިކަމާ ބެހޭ ގޮތުން މައްސަލަ ހުށަހެޅި މީހާގެ ވަކީލު ރިޝިކޭޝް ޕަތަކް ބުނެފައިވަނީ "ޓްރިޕްލް އެކްސް" ސީރީޒްގައި ގެނެސްދިން މަންޒްރުތަކާ ގުޅިގެން ކުރިން ވެސް އެކްތާ އާއި ޝޯބާ ކޯޓަށް ޖަވާބުދާރީވާން އެންގި ކަމަށެވެ. ނަމަވެސް އެ މީހުން ކޯޓަށް ހާޒިވެފައި ނުވާތީ އެ މައްސަލާގައި މި ފަހަރު އެ މީހުން ހައްޔަރުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރުނީ ކަމަށް އޭނާ ބުންޏެވެ.

ބާލާޖީގެ ތައްގަނޑުގައި އިންޑިއާގެ ޓީވީ ސިލްސިލާތަކާއި ފިލްމާއި ވެބް ސީރީތައް ގެނެސްދޭ އެކްތާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދަރިއެކެވެ.

ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ނެރުނުއިރު، ދެވަނަ ސީޒަން ޕްރިމިއާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.