އެމްޓީވީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ސްޕްލިޓްސް ވިލާ" ސީޒަން 14 ޝޫޓިން ފަށައިފި އެވެ.

މި ޝޯގެ ޝޫޓިން ފަށާފައިވާކަން ހާމަކުރުމުގެ ގޮތުން އެމްޓީވީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ސަނީ އާއި އަރްޖުންގެ ފޮޓޯ ހިއްސާކޮށްފަ އެވެ. މިއީ އަރުޖުން ބިޖްލާނީ "ސްޕްލިޓްސްވިލާ" ހޯސްޓްކުރާ ފުރަތަމަ ފަހަރު އެވެ.

މީގެ ކުރީގެ ސީޒަންތައް ގެނެސްދީފައި ވަނީ ސަނީ ލިއޯނާއި އެކްޓަރު ރަންވިޖޭ އެވެ.

އަރްޖުން ބިޖްލާނީ ޓީވީގެ ވަރަށް ގިނަ މަގުބޫލު ސީރީޒްތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

އަރްޖުން ވަނީ އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ހަތުރޯން ކޭ ކިލާޅީ"ގެ 11 ވަނަ ސީޒަން ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާއަށް ވަނީ ބޮލީވުޑް ފިލްމަކުން ވެސް ފުރުސަތު ލިބިގެން ގޮސްފަ އެވެ.

އެމްޓީވީ "ސްޕްލިޓްސްވިލާ" ޝޫޓިން ފެށި ނަމަވެސް މިޝޯ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ސްޕްލިޓްސްވިލާ 13" ކާމިޔާބު ކުރީ މަރާޓީ އެކްޓަރު ޖޭ ދުދާނޭ އާއި އަދީތީ ރާޖްޕޫތު އެވެ.

"އެމްޓީވީ ސްޕްލިޓްސްވިލާ" އަކީ އެމެރިކަން ރިއަލިޓީ ޝޯ "ފްލޭވާ އޮފް ލަވް" ގެ އިންޑިއަން ވާޝަން އެވެ.