މާފުށީ ޖަލުގައި ޑިއުޓީ އަށް ހުރި ޒުވާނަކު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި، މާފުށީ ޖަލުގެ ޑިއުޓީގައި ހުއްޓައި ނިޔާވެފައި ވަނީ އެރަށުގެ ފިރިހެނެކެވެ. އަދި އެއީ އުމުރުން 32 އަހަރުގެ އާދަމް ނައުޝާދު ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

ނައުޝާދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 3 ގަ އެވެ.

އޭނާ ނިޔާވި އިރު އަދާކުރަމުން ދިޔައީ ޕްރިޒަން ޕްރައިވެޓްގެ މަގާމެވެ.

އެގޮތުން ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކި ޔުނިޓްތަކުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ފާހަގަކޮށްފައިވެ އެވެ.

"8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސް އަށް ލިބުނު ފުން ހިތާމައެއް. ދުއާއަކީ މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން. އަދި، އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރެއްވުން،" ކަރެކްޝަނުން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް ނައުޝާދު ނިޔާވި ސަބަބެއް މިހާތަނަށް ހާމަވެފައެއް ނުވެ އެވެ. ނައުޝާދުގެ ކަށުނަމާދު އިންނާނީ މިއަދު ހުކުރު ނަމާދަށް ފަހު މާފުށީގައި ހުންނަ ކަތީބު ހުސައިން މަނިކު މިސްކިތުގަ އެވެ.