ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތައް އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރު (138.7 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް މިއަދު ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލިމާ އަދި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށްދީފައިވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރި އިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަހުރި ކަމަށާއި ގްރޭޑް 4 އަދި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެ."

އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. އަދި މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ އެވެ. އަދި އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެ ކަމަށާއި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"ދިވެހި ސަރުކާރުން އަންނަނީ ތައުލީމީ މުގައްރަރު އިސްލާހުކުރުމަށް ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށް، ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ހަމަހަމަކަމާ އެކު އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަންދެމުން،" ވާލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރްޝާ އަތުރުޕާން ވިދާޅުވި އެވެ. "މި ރަނގަޅު ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، އަތޮޅުތަކުގައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާ ކުރަން އެބަޖެހޭ،" ވާލްޑް ބޭންކުގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް އަދި ކޯ-ޓާސްކް ޓީމް ލީޑަރު ކަރްތިކާ ރާދަކްރިޝަނަން-ނައިރް ވިދާޅުވި އެވެ.

މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.