އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ސްޓާ ޕްލަސްއިން ގެނެސްދޭ ސިލްސިލާ ޑްރާމާ 'ގުމްހެ ކިސީކޭ ޕްޔާރްމޭ' އަކީ މިފަހުން ގިނަ ބަޔަކު އެންމެ ގިނައިން ބަލަމުންދިޔަ ޑްރާމާއެކެވެ.

ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ގެނެސްދެމުންދާ މި ޑްރާމާއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ނަމަވެސް ފަހަކަށް އައިސް އެ ޑްރާމާއަށް ތަރުހީބުދިން ފޭނުން ވަނީ އެ ޑްރާމާ ނުބެލުމަށް އާންމުންނަށް ގޮވާލައިފަ އެވެ.

ޑްރާމާއަށް އާންމުންގެ ނުރުހުން ލިބިފައިވަނީ ފިލްމުގެ ބަލަތާގެ ރޯލު ކުޅޭ 'ސައި' އެކަހެރިކޮށްލައި، އެހެން އަންހެނަކާއި ފިލްމުގެ ބަތަލުގެ މެދުގައި ލޯބީގެ ގުޅުން ދަމަހައްޓާތީ ކަމަށް ފޭނުން ބުނެ އެވެ.

ހަމައެހެންމެ ދެލޯބިވެރިންގެ މެދުގައި މައްސަލަތަކެއް ޖެހުމާއި ގުޅިގެން އެެ މައްސަލަތައް ހައްލުވެ އަލުން ދެ ލޯބިވެރިން ގުޅޭނެ ދުވަހަކަށް ފޭނުން އިންތިޒާރު ކުރަމުންދާކަމަށް ފޭނުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެކަން އެފަދައިން ނުކުރާ ނަމަ، ޑްރާމާ ބެލުން ހުއްޓާލާނެކަމަށް ބުނެ ފޭނުން ވަނީ ސޯޝަލް މީޑީއާގައި އިންޒާރުދީފަ އެވެ.

އޭގެ އިތުރުން ޑްރާމާ މިހާރު ކުރިއަށްދާ ގޮތާ މެދު ފޭނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިންޑިއާގައި އަންހެނުންނަށް އިހުތިރާމު ކުރުމާއި ގުޅޭ ދުވަހަކާއި ދިމާކޮށް، ފިލްމުގެ ބަތަލާއަށް ދެރަ ގޮތްވާތަން ސްޓާ ޕްލަސްއިން ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ފޭނުން ބުނެފައިވެ އެވެ.

މިޑްރާމާ އަކީ ގިނަ އަދަދެއްގެ ދިވެހިންގެ މަގުބޫލުކަން ވެސް ހޯދާފައިވާ ޑްރާމާއެކެވެ. މި ޑްރާމާ އަކީ ރާޖޭޝް ރާމް ސިންގް އާއި ޕިއާ ބާޖްޕީ އަދި ޕްރަދީޕް ކުމާރް ޕްރޮޑިއުސްކޮށްގެން ގެނެސްދޭ ޑްރާމާއެކެވެ.