ބަރަހަނާ ފިލްމު އުފައްދައި ވިއްކާފައިނުވާނެ ކަމަށާއި އެއީ އޭނާ ފްރޭމްކުރުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އަށް މައްސަލަ ހުށައަޅައިފި އެވެ.
ބަރަހަނާ ފިލްމު އުފެއްދި ކަމަށްބުނެ މިދިޔަ އަހަރު ހައްޔަރު ކުރި ވިޔަފާރި ވެރިޔާ ރާޖް ކުންދުރާ ވަނީ އެއީ މުމްބާއީ ކްރައިމް ބްރާންޗް (އެމްސީބީ)ގެ އޮފިސަރުންތަކެއް އޭނާ ފްރޭމްކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ސީބީއައިއަށް އޭނާ ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އަދި އެ ސީޓީގައި ވަނީ އޭނާ ފްރޭމް ކުރުމުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުންގެ ނަންތައް ވެސް ހިމަނައިފަ އެވެ. އަދި މި ސިޓީ ސީބީއައިގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވެސް ފޮނުވާފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ބަތަލާ ޝިލްޕާގެ ފިރިމީހާ ރާޖް ބުނީ މުޅި މައްސަލަ ބިނާވެފައިވާ ވަނީ އޭނާ ހައްޔަރު ކުރުމަށް ވަކި ފުލުހުންތަކަކާ އެކު ރޭވި އެއް ވިޔަފާރިވެރިއެއްގެ ޕާސަނަލް އެޖެންޑާއެއްގެ މައްޗަށް ކަމަށެވެ.
ރާޖް ބުނެފައިވާ ގޮތުގައި އަސާސެއް ނެތް ތުހުމަތުތަކެއް އަޅުވައި، ހައްޔަރުކޮށް އޭނާގެ އަބުރާއި އިއްޒަތް ގެއްލުވާލުމަކީ ރާވައިގެން ހިންގާފައި ޖަރީމާއެކެވެ. އަދި އޭގެ ސަބަބުން އެތައް ގެއްލުމެއް ލިބި މީޑިއާތަކުން ވެސް އޭނާއާ ދެކޮޅަށް ޝަރީއަތް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ.
"އަހަރެން އެއް އަހަރު ވަންދެއް ހަނު ހުރެފިން. އަހަރެންނާ ދެކޮޅަށް އެތައް މީޑިއާތަކަކުން ރިޕޯޓްކުރަމުން ދިޔަ. 63 ދުވަހު ޖަލު ބަންދުގައި އޮތިން. އަހަރެން ކޯޓުތަކުން އިންސާފް ހޯދާނަން. އަހަރެންނަށް އިންސާފް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އަހަރެން ފްރޭމްކުރުމަށް މަސައްކަތްކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހޭ،" ރާޖް ބުންޏެވެ.
ނަމަވެސް ރާޖަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެމްސީބީން ބުނެފައި ވަނީ އޭނާގެ މައްޗަށް ޕޯނޯގްރަފީގެ ހެއްކާއި ގަރީނާ އެބަހުރި ކަމަށާއި ކޯޓުގައި އެކަންކަން ސާބިތު ވެސް ކޮށްދެވޭނެ ކަމަށެވެ.
މި މައްސަލާގައި ކުށެއް ނެތްކަމާއި އޭނާ އަކީ މައުސޫމް މީހެއްކަން ސާބިތުކޮށްދޭން އެދި ސީބީއައި އިން ތަހުގީގެއް ފަށައިދޭން އެދި ރާޖް ސީބީއައި އަށް ސިޓީއެއް ފޮނުވި އިރު، މި މައްސައިގެ އަޑުއެހުމެއް އަންނަ މަހުގެ 4 އަށް ތާވަލުކޮށްފައިވެ އެވެ.
ބަރަހަނާ ފިލްމު ހަދައިގެން އޭގެ ވިޔަފާރި ހިންގާކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ގަ އެވެ. އަދި އޭނަ ކަފާލާތުގެ ދަށުން ދޫކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ.
ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގަ އެވެ.