އެކްޓިންގެ ކެރިއަރުގައި ބަދަލު ކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތްކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ވަނީ އޭނާ އެންމެ ފުރަތަމަ އެކްޓިންގެ ކެރިއަރުގައި މަސައްކަތް ކުރިއިރާއި މިހާރާ އަޅާކިޔާފަ އެވެ. އެގޮތުން ކުރިއަށްވުރެ މާބޮޑަށް ވެސް ކަންކަން ބަދަލުވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން މިޒަމާނަކީ އަންހެނުންގެ ކުރިއެރުމުގެ ޒަމާނެއްކަން ފާހަގަކޮށް ޝްރައްދާ ބުނީ، އަންހެނުންގެ ހުނަރުތައް ދައްކުވައިދޭ އެކި ފިލްމުތަކުން ހެޑްލައިންތައް ފެނުމަކީ މިހާރު އައުކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ޝްރައްދާގެ އެކްޓިންގެ ހަޔާތުގައި ބަދަލުކުރަން ބޭނުންވާ ކަމެއް އޮތްތޯ ސުވާލުކުރުމުން އޭނާ ވަނީ އެއްވެސް ކަމެއް ބަދަލުކުރަން ބޭނުން ނުވާކަމަށް ބުނެފަ އެވެ.

އެކަމަކު ކޮންމެ ދުވަހަކީ ވެސް އައު ކަންކަން ދަސްކުރަންޖެހޭ ދުވަހެއް ކަމަށާއި، ކަމެއް ބަދަލު ނުކުރުމުގެ މާނައަކީ، އިލްމު އުނގެނުން ހުއްޓައި، އައު ތަޖުރިބާތަކަށް ނޫނެކޭ ބުނުމެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ.

ފިލްމީ އިންޑަސްޓްރީގައި ޝްރައްދާ ކުރަމުންދާ މަސައްކަތަށް ބަލާއިރު، އޭނާ ދަނީ "ލަވް ރަންޖަން" ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ލޯބީގެ ރޯލަކުން ފެނިގެންދާނެ އެވެ. އަދި އެ ދެމީހުންގެ ކެމިސްޓްރީ ކަމުދާ ކަމަށް މިހާރު ވެސް އާންމުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.