ބޮޑާކަމަކީ ގައިގަ ހުންނަ ސިފައެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ ލ. ކައްދޫ އެއާޕޯޓުން އޭނާ ސެކިއުރިޓީއަކު ޗެކްކުރި މައްސަލާގައި އެ ސެކިއުރިޓީ އޮފިސަރު ސަސްޕެންޑްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ކުރެއްވި ޓްވީޓެއްގައި އެވެ.

މިނިސްޓަރު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ވަރަށް ގިނައިން އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ބޭފުޅެއް ކަމަށާއި, ގަވައިދުގެ ތެރެއިން ކޮންމެފަހަރަކު ވެސް ސެކިއުރިޓީ ޗެކް ކުރާ ކަމަށެވެ. އެ ގޮތުން ރޭ ގއ. ކޫއްޑޫ އެއާޕޯޓުން ވެސް ޗެކްކުރި ކަމަށާއި, ޗެކްކުރާކަން އެންމެ ރަނގަޅަށް އެނގޭނީ އެއާޕޯޓުތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް ކަމަށެވެ.

"ވަރަށް ގިނައިން އެކި ކަންކޮޅުތަކަށް ދަތުރުކުރަން. ގަވައިދުގެ ތެރެއިން ކޮންމެ ފަހަރަކު ވެސް ސެކިއުރިޓީ ޗެކް ކުރޭ. މިރޭ ވެސް ކޫއްޑޫން ޗެކްކުރި. ޗެކްކުރާކަން އެންމެ ރަނގަޅަށް އިނގޭނީ އެއާޕޯޓުތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް، ބޮޑާކަމަކީ އަޅުގަނޑު ގައިގައި ހުންނަ ސިފައެއް ނޫން،" މަހުލޫފު ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރަކާތަކަށް ލ.އަތޮޅަށް ވަޑައިގެން މަހުލޫފު އެއާޕޯޓަށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަޑައިގަތީ މާލެއަށް ވަޑައިގަތުމަށެވެ. އެ ދަތުރުފުޅުގައި ސެކިއުރިޓީ ޗެކް ކުރުމުން ހިތްހަމަޖެހިވަޑައިނުގަތް ވާހަކަދެއްކެވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފަ އެވެ.