އީޔޫގެ އާ ގާނޫނާއެކު ޓެކްނޮލޮޖީ ޖައަންޓް އެޕަލް ކުންފުނީގެ ޕްރޮޑަކްޓްތަކުގައި ބޭނުންކުރާ ޗާޖަރުތައް ބަދަލު ކުރަން މަޖުބޫރުވެއްޖެ އެވެ.

އީޔޫ ޕާލިމެންޓުން ފާސްކުރި މި ގާނޫނުގައިވާ ގޮތުން 2024 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން އެ ޖަމާއަތުގެ ހުރިހާ ގައުމެއްގައި ވެސް ބޭނުން ކުރެވޭނީ ހަމައެކަނި ސީ ޕޯޓުގެ ޗާޖަރެވެ.

ސީ ޕޯޓް މޮޑެލްގެ ޗާޖަރުތަކަކީ ސެމްސަންގް ޕްރޮޑަކްޓްތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޗާޖަރު ކޮޅަކަށް ވީ ނަމަވެސް އެޕަލްގެ ޕްރޮޑަކްޓް ތަކުގައި ބޭނުން ކުރަނީ އެ ކުނުފުނީގެ އަމިއްލަ މޮޑެލްއެއްގެ ޗާޖަރެކެވެ.

27 ގައުމު އެކުލެވޭ އީޔޫގެ އާ ގާނޫނާއެކު އެންމެ ބޮޑު އަސަރެއް ކުރާނެ ކުންފުންޏެއް ކަމަށް ބެލެވެނީ އެޕަލް އަށެވެ. އެއީ އެކުންފުނީގެ ޔޫރަޕް މާކެޓްގެ މުޅި މޮޑެލްތައް ބަދަލު ކުރަން ޖެހޭނެތީ އެވެ.

ފޯނުތަކާއި ޓެބްލެޓްތަކުގެ އިތުރުން ލެޕްޓޮޕްތަކުގެ ޗާޖަރުތައް ވެސް ބަދަލު ކުރަން ގާނޫނުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ލެޕްޓޮޕްތަކުގެ ޗާޖަރު ބަދަލު ކުރަން ޖެހޭނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.

މި ބަދަލާއެކު ޔޫރަޕްގެ ބާޒާރުގައި އެޕަލް ކުންފުނީީގެ ހިއްސާގެ އަގު ވަނީ ދަށްވެފަ އެވެ. މިކަމާ ބެހޭ ގޮތުން އެޕަލްގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

އެޕަލްގެ ޔޫރަޕްގެ މާކެޓު ބޮޑުކަމަށް ވުމާއެކު ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ވެސް ޗާޖަރު މޮޑެލް ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ރިޕޯޓުތައް ބުނެ އެވެ.