ދިވެހިންގެ މެދުގައިވެސް މަގްބޫލު އިންޑިއާގެ ޓީވީ ޝޯ "ބިގްބޮސް" ގެ 16 ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މިފަހަރުގެ ޝޯގައި ބިގްބޮސްވެސް އަންނަނީ ގޭމް ކުޅެމުންނެވެ. އަދި އެހެން ސީޒަންތަކުގައި އާންމުކޮށް ކުރަމުން އަންނަ ކަންތައްތައް މިފަހަރުގެ ޝޯއިން ނުފެންނާނެ ކަމަށް ބިގްބޮސް ވަނީ ބުނެފަ އެވެ. އަދި މިހާރުވެސް ބައެއް ކަންތައްތައް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ކޮންމެ ދުވަހެއް ފެށުމުގެ ކުރިން އަންނަ ލަވާގެ ބަދަލުގައި މިފަހަރުގެ ޝޯގައި ބިގްބޮސްގެ "ގައުމީ ލަވަ" ކިޔުމެވެ.

ބިގްބޮސް ފެށިގެން ކުރިއަށްދާއިރު ޝޯއާ ގުޅޭ ތަފާތު އެކި ވާހަކަތައް މީޑީއާގައި ދެކެވެ. އަދި ޝޯގައި ބައިވެރިވާ ބައިވެރިންނާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ތިލަވަގެންދެ އެވެ. އެގޮތުން މިފަހަރު މިބަލައިލަނީ މިފަހަރުގެ ޝޯގައި ބައިވެރިވާ ފަންނާނުންނަށް މިޝޯއިން ލިބިގެންދާ ފީ އަށެވެ.

ސުމްބުލް ތޫގީރު އަކީ މިފަހަރުގެ ސީޒަންގައި ބައިވެރިވާ އެންމެ ހަގު ބައިވެރިޔާ އެވެ. އަދި އޭނާ އަކީ މިފަހަރުގެ ސީޒަންގައި އެންމެ ބޮޑު މުސާރަ ލިބިގެންދާ ފަންނާނެ އެވެ. އެގޮތުން އޭނާ އަށް ހަފްތާއަކު 12 ލައްކަ ރުޕީސް ލިބިގެންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިޝޯގައި ދެ ވަނަ އަށް ބޮޑު މުސާރަ ލިބިގެންދަނީ ޓީވީ މަޝްހޫރު އެކްޓަރު އަންކިތު ގުޕްތާ އެވެ. އަންކިތުއަށް ހަފްތާއަކު ގާތްގަނޑަކަށް 5-6 ލައްކަ ރުފިޔާ ލިބެ އެވެ.

ޓީނާ ދައްތާ އަކީ ޓީވީ އިންޑަސްޓްރީގައި މަގުބޫލު ބަތަލާއަކަށްވާއިރު މިޝޯގައި ތިން ވަނަ އަށް އެންމެ ބޮޑު މުސާރަ ލިބިގެންދަނީ އޭނާއަށެވެ. ޓީނާ އަށް ހަފްތާއަކު 8-9 ލައްކަ ރުފިޔާ ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓީވީ ސީރީޒް "އުދާރިޔަން" އިން މަގުބޫލުކަން ހޯދި ބަތަލާ ޕްރިޔަންކާ ޗަހާރު ޗައުދަރީއަކީ މިފަހަރުގެ ބިގްބޮސްގައިވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޕްރިޔަންކާއަށް މިފަހަރުގެ ސީޒަންގައި ލިބިގެންދަނީ ހަފްތާއަކު ފަސް ލައްކަ ރުޕީސްގެ މުސާރައެކެވެ.

ނިމްރިތު ކައުރު އަހުލުވާލިއާ އަކީ "ޗޯޓީ ސަރުދަރާނީ" އިން މަގުބޫލުކަން ލިބިގެންދިޔަ ފަންނާނެކެވެ. ލޯޔަރެއް ކަމަށް ނިމްރިތު އަކީ މިފަހަރުގެ ސީޒަންގައި ފުރަތަމަ ކެޕްޓަން އެވެ. ނިމްރިތު މިޝޯގައި ހޭދަކުރާ ހަފްތާއަކު ގާތްގަނޑަކަށް 7.5 އާއި 8 ލައްކަ ރުޕީސް ލިބެ އެވެ.

ސާޖިދު ޚާނަކީ ބޮލީވުޑްގައި މަޝްހޫރު ޑައިރެކްޓަރެކެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އޭނާގެ އަގު ވަނީ ވެއްޓިގެން ގޮސްފަ އެވެ. ޖިންސީ ފުރަންސާރާގެ މައްސަލާގައި ސާޖިދަށް ބޮލީވުޑްގައި މަސައްކަތް ނުލިބި ގިނަ ދުވަސްތަކެއް ވަނީ ގޮސްފަ އެވެ. އަދި ބިގްބޮސްއިން ސާޖިދު ފެނިގެން ދިއުމާމެދު ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ހަފްތާއަކު ގާތްގަނޑަކަށް 4-5 ލައްކަ ރުފިޔާ ލިބެ އެވެ.

މަންޔާ ސިންގް އަކީ 2002 ވަނަ އަހަރުގެ މިސް އިންޑިއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް އެޕިސޯޑަކަށް ގާތްގަނޑަކަށް 6-7 ލައްކަ ރުޕީސް ލިބެ އެވެ.

ސައުންދަރިޔާ ޝަރްމާ އަކީ ވެބް ސީރީޒްގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. ހަފުތާއަކު 3-4 ލައްކަ ރުފިޔާ ސައުންދަރިޔާއަށް ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިގްބޮސް ޝޯ އަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ހުށަހަޅައިދޭ ޝޯއެކެވެ. މެދު ނުކެނޑި އޭނާ އެ ޝޯ ހުށަހަޅާދޭތާ މިހާރު ވަނީ 12 އަހަރުވެފަ އެވެ.