އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ "ވޯލްޑް ކަޕް"ގެ ތީމު ލަވައިގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތެހީ ފެނިގެންދާނެ އެވެ.

މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ލޯންޗްކުރަން ހަމަޖެހިފައިވާ ލަވައިގެ ޓީޒާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ލައިޓް ދަ ސްކައި" ގެ ނަން ދީފައިވާ ލަވައިގެ ވާހަކަ ނޯރާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ވޯލްޑް ކަޕް ފެށުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ވެސް ނޯރާ ޕާފޯމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ނޯރާ ޕާފޯމް ކުރަނީ ޝަކީރާ އާއި ޖެނިފާ ލޮޕޭޒް އާއެކު އެވެ.

ކަލާސް ޗެނެލުން ގެނެސްދޭ އަންނަ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ 10" ގައި ޖަޖެއްގެ ގޮތުގައި މިހާރު ބައިވެރިވަމުން އަންނަ ނޯރާ އަކީ މިހާތަނަށް ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ އައިޓަމް ލަވަތަކުގައި ނެށުމުގެ ހުނަރު ދައްކާލައިގެން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރިއެކެވެ.

އޭނާގެ މަގުބޫލު އައިޓަމް ލަވަތަކުގެ ތެރޭގައި ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ "ދިލްބަރް"، ފިލްމު "ސްޓްރީޓް ޑާންސާ" ގެ "ގަރްމީ"، އާއި ފިލްމު "ބަތުލާ ހައުސް" ގެ "އޯ ސާކީ ސާކީ" އާއި ފިލްމު "އިސްތިރީ" ގެ "ކަމަރިއާ" އަދި ފިލްމު "މަރްޖާވާ" ގެ "އޭކް ތޮ ކަމް ޒިންދަގާނީ" ހިމެނެ އެވެ.

މީގެ އިތުރުން މި މަހުގެ 25 ގައި ރިލީޒްކުރާ ފިލްމު "ތޭންކް ގޯޑް" ގެ "މަނިކެ" ލަވަ އަކީ ވެސް މިހާރު ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ ލަވައެކެވެ.

ނޯރާއަށް ވޯލްޑް ކަޕް ތީމް ލަވައެއްގައި ހިއްސާވުމުގެ ފުރުސަތު ލިބުނު އިރު، މި ޝަރަފު ކުރިން ލިބުނު މަޝްހޫރު އަންހެން ފަންނާނުންގެ ތެރޭގައި ޖެނިފާ ލޮޕޭޒާއި ޝަކީރާ ހިމެނެ އެވެ.

ވޯލްޑް ކަޕްގެ ތީމް ލަވަތަކުގެ ތެރެއިން 2010 ގެ މުބާރާތަށް ޝަކީރާއާ އެކީ ގެނެސްދިން "ވައްކާ ވައްކާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.