ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަޙްރައިންގެ ގައުމީ ދާރުލްއާސާރާއި، ބަޙްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެ ދެ ތަން ބައްލަވާލައްވައިފި އެވެ.

ބަޙްރައިންގެ ޤައުމީ ދާރުލްއާސާރު ރަސްމީކޮށް ހުޅުވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާ އެވެ. މި ދާރުލްއާސާރު ހަދާފައި ހުންނަނީ ދެ ޢިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާޓް ގެލަރީއަކާއި، ލެކްޗާ ހޯލެއް ހިމެނެ އެވެ. މި ދާރުލްއާސާރުގައި ބަޙްރައިންގެ ތާރީޚުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެ އެވެ.

ބައިތް-އަލް ޤުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް ޢިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާސާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން ޢިމާރާތްކުރެއްވީ ޤުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުޞްޙަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކަ އެވެ.

މި އިންސްޓިޓިއުޝަންގެ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީހީ ގުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެ އެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެ އެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސްގެ ދެކަނބަލުން މިހާރު ބަޙްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.