ވޮޝިންޓަން (11 ޑިސެމްބަރު) - ކޮވިޑް-19 އަށް އެމެރިކާގެ ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން، އެމެރިކާގައި ބޭނުންކުރުމަށް ހުއްދަދޭން ފެންނަ ކަމަށް ފެޑެރަލް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ކޮމިޓީން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އެކަމަށް ބޭއްވި ވެކްސިންސް އެންޑް ރިލޭޓެޑް ބަޔޯލޮޖިކަލް ޕްރޮޑްކްޓްސް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އެ ކޮމިޓީން ބަލާފައި ވަނީ އެފްޑީއޭއިން ވެކްސިންގެ ރައްކާތެރިކާމާއި އަދި މި ވައިރަސްއަށް ވެކްސިން ގުޑާ މިންވަރަށެވެ. އަދި މީގެ އިތުރުން ފައިޒާ އަދި ބަޔޯ އެން ޓެކުން އެފްޑީއޭގެ ސޭފްޓީ މިންގަނޑަށް ހުރިހާ ކަމެއް ހުރިތޯ ވެސް ކޮމިޓީން ބަލާފައިވެ އެވެ. މިގޮތުން ވެކްސިން ބޭނުން ކުރުމުން ލިބިދޭ ގެއްލުމަށްވުރެ ފައިދާ ބޮޑުކަމަށް ކޮމިޓީއިން ނިންމާފައިވެ އެވެ.

އެފްޑީއޭ އިން ވަނީ ކޮމިޓީގެ ބައްދަލުވުން އޮންނާނެކަން އަންގައި ބައްދަލުވުން ލައިވް ސްޓީމް ވެސް ކޮށްފައިވެ އެވެ. އަދި އާންމުނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ. 8 ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ވެކްސިން ބޭނުންކުރުމަށް ފެންނަ ކަމަށް 17 ވޯޓް ލިބިފައިވެ އެވެ. އަދި ނުފެންނަ ކަމަށް 4 ވޯޓް ދީފައިވެ އެވެ.

ކޮވިޑާ ދެކޮޅަށް އެމެރިކާގެ ފައިޒާ އިން އުފެއްދި ވެކްސިން.

އެ ކޮމެޓީން މިގޮތަށް އެންޑޯޒް ކުރުމާ ގުޅިގެން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ނުވަތަ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެފްޑީއޭ އިން ދޭކަމަށް ލަފާކުރެ އެވެ.

އެމެރިކާގައި ކޮވިޑް ރޯގާ ފެތުރުން ކޮންޓްރޯލް ނުކުރެވެ އެވެ. މިހާތަނަށް 15.5 މިލިއަން މީހުން ކޮވިޑްއަށް ވަނީ ފޮޒިޓިވްވެފަ އެވެ. އަދި މިރޯގާގައި 290،000 މީހުން އެމެރިކާއިން މަރުވެފައިވެ އެވެ. - ޔޫއެސްއޭ ޓުޑޭ