ކޯޓަށް ހުށައަޅާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ފުލުހުން ޙާޒިރުކޮށްގެން ޗެއިން ކަށަވަރުކުރެވިދާނެކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކަނޑައަޅުއްވައިފި އެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން އެއްކުރާ ހެއްކި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި އެ ތަކެތި ހަވާލުކުރާ ފަރާތާއި ހަވާލުވާ ފަރާތުގެ މައުލޫމާތާއި ތާރީހާއި ގަޑި ލިޔެ، ރިކޯޑްކުރާ ލިޔުންތަކެވެ.
މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ޗެއިން އޮފް ކަސްޓަޑީ ނެތިގެން އެ މީހުން ބަންދުން ދޫވުން ނުވަތަ ކުށް ސާބިތު ނުވުމެވެ.
ޗެއިން އޮފް ކަސްޓަޑީ ނެތިގެން ނުވަތަ ފުރިހަމަ ނުވެގެން މީހުން ދޫވާ މައްސަލައާއި ގުޅިގެން އެކަމަށް ހައްލެއް ހޯދައިދެއްވާ އުއްތަމަ ފަނޑިޔާރު ނެރުއްވި "ޕްރެކްޓިސް ޑައިރެކްޝަން"ގައި ވަނީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ މީހުން ކޯޓަށް ހާޒިރުކޮށްގެން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ "ޕްރެކްޓިސް ޑައިރެކްޝަން"ގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލްކުރެވިފައި ވަނީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ، ޗެއިންއާއި ގުޅޭ އެންމެން ޝަރީޢަތަށް ހާޒިރުކޮށް ކަށަވަރުކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން ޗެއިންގައި ހިމެނޭ އެންމެހާ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިން ކަށަވަރުކުރެވޭ ނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމަށް ބަލަންވާނެ ކަމަށް ވެސް ޕްރެކްޓިސް ޑައިރެކްޝަންގައިވެ އެވެ.
ޗެއިން އޮފް ކަސްޓަޑީގައި ސުވާލު އުފެދިގެން ނުވަތަ މައްސަލަ ޖެހިގެން މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ސާބިތު ނުވެ ކޯޓުން އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ދޫވެފައިވެ އެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ސްރީލަންކާއިން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ލިބޭމީހާގެ މައްޗަށް ކުށް ސާބިތުނުވީ ޗެއިން އޮފް ކަސްޓަޑީގައި މައްސަލަ ޖެހުމުންނެވެ. އަދި އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން ބައި ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ނުވާކަމަށް ކޯޓުން ކަނޑައެޅީ ވެސް ޗެއިން އޮފް ކަސްޓަޑީގެ މައްސަލާގަ އެވެ.