ރަބާތު (10 ޑިސެމްބަރު) - މޮރޮކޯ އާއި އިޒްރޭލުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

މިކަން އިއުލާން ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އިޒްރޭލާއެކު ގުޅުން ގާއިމްކުރުމަށް ނިންމުމާ ގުޅިގެން މޮރޮކޯ ވެފައިވަނީ އިޒްރޭލާ ގުޅުން ގާއިމްކުރި ފަސްވަނަ އަރަބި ގައުމަށެވެ. މި އެއްބަސްވުމުގެ ބައެއްގެ ގޮތުން އެމެރިކާއިން ވަނީ މޮރޮކޯގެ ހުޅަނގު ސަހަރާގެ ބައެއް މައްޗަށް މޮރޮކޯއިން ދައުވާކުރާ ކުރުމަށް އެއްބަސްވެފަ އެވެ.

މޮރޮއިން އިޒްރޭލާއެކު ގުޅުން ގާއިމްކުރުމަށް ނިންމުމާއި ގުޅިގެން ފަލަސްތީނުން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ބައްސާމް އަސް ސަލީ ވިދާޅުވިގޮތުގައި 2002 ވަނަ އަހަރު އަރަބި ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމާ ހިލާފަށް އިޒްރޭލާއެކު ގުޅުން ގާއިމްކުރުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިއީ އިޒްރޭލުގެ ނުބައި އަމަލުތަކަށް ހިތްވަރު ދިނުންކަމަށާއި މިއީ ފަލަސްތީނު ރައްޔަތުންގެ ހައްގު ނިގުޅައިގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ސްޕޯކްސްޕާސަން ހަޒެމް ގަސެމް ވެސް ވަނީ މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ގަސެމް ވިދާޅުވިގޮތުގައި މިއީ ފާފައެކެވެ. އަދި، މިކަމުން ފަލަސްތީނުގެ ރައްޔަތުންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކޮންމެ އެއްބަސްވުމަކާއެކު އިޒްރޭލުން ހިފާ ފަލަސްތީނުގެ ބިންތައް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ވަނީ މިއެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މިއެއްބަސްވުމު ސަބަބުން ދެގައުމުގެ ގުޅުންތައް ރަނގަޅުވެގެން ގޮސް އަދި މިއީ ސުލްހަ ގާއިމްކުރުމަށް އަނެއްކާ ވެސް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ އެވެ. އަދި ވިޔަފާރީގެ ގުޅުން ގާއިމްކުރުމާއި ދެގައުމުގެ ދެމެދުގެ ވިޔަފާރި ކުރިއެރުވުމަށް އެއްބަސްވުމާއެކު އަދި އެއްގަމުން އަނެއް ގައުމުގައި އެމްބަސީ ގާއިމްކުރުން ހިމެނެ އެވެ. – އަލްޖަޒީރާ