މާބަނޑު ދުވަސްވަރު ކޮފީ ބުއިމަށް އެންމެ ރަނގަޅު މިންވަރު މިހާރު މިވަނީ ފަހުގެ ދިރާސާތަކުގެ އަލީގައި ހާމަކޮށްފަ އެވެ. އެގޮތުން ދުވާލަކު 300 މިލިގުރާމަށްވުރެ މަދުން ކެފެއިން ބޭނުން ކުރާނަމަ (ގާތްގަނޑަކަށް ކޮފީ ތަށްޓެއްގެ މިންވަރު) ބަލިވެއިނުމަށް މައްސަލައެއް ނެތެވެ. އެހެންނަމަވެސް މިދެންނެވި އަދަދަށް ވުރެއިތުރަށް ކޮފީ ބޯނަމަ ދަރިން ހޯދުމަށް އުނދަގޫވާކަން ދިރާސާތަކުން ދައްކަ އެވެ.
އެހެންކަމުން އަންހެންމީހާ ބަލިވެ އިނުމަށް ހުރަސް އެޅުން ނުވަތަ ފުރުޞަތު ކުޑަކުރުން ބިނާވެގެންވަނީ އެމީހަކު ކޮފީ ބޯ މިންވަރެއްގެ މައްޗަށެވެ. ކޮފީ ބުއިމުން ގެއްލުން ލިބެނީ އޭގައި ހުންނަ މާއްދާއެއް ކަމަށްވާ ކެފެއިންގެ ސަބަބުންނެވެ.
ވުމާއެކު އެންމެ ރަނގަޅު ގޮތަކީ ކޮފީބޯން އާދަވެފައިވާ މީހަކު ނަމަ ބޯ މިންވަރު މަދު ކުރުމެވެ. ނުވަތަ އެއްގޮތަކަށްވެސް ނުބުއިމެވެ. ކޮފީގެ ސަބަބުން ހަށިގަނޑުން މަދުވާ ކެލްސިއަމްއަކީ ބަލިވެއިނުމަށްޓަކައިވެސް އަދި ބަނޑުގައިވާ ދަރިފުޅު އުފެދި ބޮޑުވުމަށްވެސް ވަރަށް ބޭނުންތެރި މާއްދާ އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރާނަމަ ބައިގެން ދިއުމުގެ ފުރުޞަތު ބޮޑުވެ އެވެ.
ކޮފީބޯން އާދަވެފައިވާ މީހަކު ކޮފީ ބުއިން ހުއްޓާލަން ބޭނުންނަމަ ދުވަހަކަށް ފަހު ދުވަހެއް މަދުކުރަމުންގޮސް ހުއްޓާލާށެވެ. އެއްފަހަރާ ހުއްޓާ ނުލާށެވެ. އެއްފަހަރާ ހުއްޓާލައިފިނަމަ ބޮލުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންތައްތައް ދިމާވެދާނެ އެވެ. ކޮފީ ބުއިން ހުއްޓާލުމާއެކު ނުވަތަ މަދު ކުރުމާއި އެކު ކިރުފަދަ ބުއިމެއް އިހުތިޔާރު ކުރުން ވަރަށް ރަނގަޅު ވާނެ އެވެ.