ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ހަނދާނީ ބިނާއެއް ހަދަން ނިންމައިފި އެވެ.

މި ބިނާ ހެދުމަށް ނިންމާފައިވަނީ ޝަހީދު ހުސައިން އާދަމްގެ އުފަން ރަށްކަމަށްވާ ހދ. ކުޅުދުއްފުށީގަ އެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކުޅުދުއްފުށި ސިޓީގައި އެ ހަނދާނީ ބިނާއެއް ހެދުމަށް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފަރުމާ ކުރާ ބިނާ ހުންނާނީ ރަށުގެ އާންމު ސަރަހައްދެއްގައި ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

އެ ބިނާ ހުންނަން ވާނީ ބާޒާރުން ފަސޭހައިން ލިބޭ އަދި ދިގު މުއްދަތަކަށް ދެމި ހުންނާނެ ފަދަ އެއްޗަކުން ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ. އޭގެ އިތުރުން ބިނާއަކީ ހުސައިން އާދަމްގެ މަތިވެރި ޖިހާދު ރަމްޒުކޮށްދޭ ފަދަ ބިނާއެއްކަން ދޭހަވާން ޖެހޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

އެ ރަށު ކައުންސިލުން އިތުރަށް ބުނިގޮތުގައި ބިނާ ފަރުމާކޮށްފައި ހުންނަންވާނީ ބަލާލަން ރީތި، އަދި އިސްލާމް ދީނަށާއި، އާންމު މިންގަނޑުތަކަށް ފެތޭ މިންގަނޑަށެވެ. އަދި އެކައުންސިލަށް ހުށަހަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ. އެގޮތުން އެ ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5،000 ރުފިޔާ ދޭން ކައުންސިލުން ކަނޑައަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މި ފަރުމާ ކައުންސިލަށް ހުށަހެޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.