ސަލްމާން ޚާން ހޯސްޓްކުރާ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" ގައި ސާޖިދު ޚާން ބައިވެރިވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސާޖިދު އެ ޝޯއިން ބޭރުކުރުމަށް ސަލްމާން ކައިރިން ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.

ގިނަ ބަތަލާއިންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ޑައިރެކްޓަރު ސާޖިދު ޚާން "ބިގް ބޮސް 16" ގައި ބައިވެރިވެފައި ވަނީ ސަލްމާންގެ ނުފޫޒުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ސާޖިދުއާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ސަލްމާނަށް ވެސް މިހާރު ވަނީ ސާޖިދު ޝޯއިން ބޭރުކުރަން ބޭނުންވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަރަށް އަވަހަށް ސާޖިދު "ބިގް ބޮސް" އިން ބޭރުކޮށްލާނެ އެވެ.

މީގެ އިތުރުން ސާޖިދު "ބިގްބޮސް" އިން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިއްލީ ކޮމިޝަން އޮފް ވިމެން (ޑީސީޑަބްލިއު)ވެސް މައްސަލައަށް ތަދައްހުލްވެފަ އެވެ. މިކަމާ ގުޅިގެން ޑީސީޑަބްލިއުއިން ވަނީ އައި އެންޑް ބީ މިނިސްޓަރު އަނޫރާގް ތަކޫރަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ސާޖިދުގެ ޖިންސީ ފުރައްސާރައާ ކުރިމަތިވެފައިވާ ބަތަލާއިން ވަރަށް ގިނަ އެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކަށް ސާޖިދު ޖަލަށް ލެވޭ ވަރަށް ހެކި ދެއްކޭ ގޮތެއް ނުވެ އެވެ.

ނަމަވެސް ފާއިތުވީ ހަތަރު އަހަރު ދުވަސް ސާޖިދު ހޭދަކޮށްފައިވަނީ ގޭން ބޭރަށް ވެސް ނުކުންނަން ނުކެރި ގޭގަ އެވެ. އިންޑަސްޓްރީގެ އެއްވެސް މީހަކު އޭނާއާއެކު މަސައްކަތްކުރަން ބޭނުމެއް ނުވެ އެވެ. އަދި މި ތުހުމަތުތައް ކުރެވެން ފެށިއިރު އޭނާ ޑައިރެކްޓްކުރަމުން ދިޔަ ފިލްމު ވެސް އޭނާގެ އަތުން ވަނީ އަތުލާފަ އެވެ.