ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ވ. ހުޅިދޫ ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްވެފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާ ބުނުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ދޮގުކުރައްވައިފި އެވެ.

ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް އެރަށުގައި ކުރިއަށް ނުދާތީ އެ ރަށް ދޫކޮށްފައިވާ ފަރާތާއެކު ސަރުކާރުން ހަދައިފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ވިދާޅުވެފަ އެވެ.އެކަމާ ގުޅިގެން މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކިޔަސް އާރަށް އިންވެސްޓްމަންޓަށް ހުޅިދޫ ކުއްޔަށް ދޫކުރި އެއްބަސްވުން އެގޮތުގައި ދެމިއެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަޅުރަށްތައް ދޫކޮށްފައިވާ ފަރާތްތަކުން މަސައްކަތް ފެށުން ކޮވިޑާ ގުޅިގެން ލަސްކޮށްދީފައިވާނެ ކަމަށެވެ.

ހުޅިދޫގެ މައްސަލައާ ގުޅޭ ގޮތުން އެގްރިކަލްޗާ މިނިސްޓްރީން ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ސިޓީތަކުގައި ވަނީ އެއްބަސްވުމުގައި ހުށަހަޅާފައިވާ މަސައްކަތްތައް ކުރިއަށް ނުދާ ނަމަ އަދި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކާ ހިލާފުވާ ނަމަ، ފަސް ޖެހުމަކާ ނުލައި އެއްބަސްވުމުގައި ބަޔާން ކުރާ އިޖުރާއަތްތަކާ އެއްގޮތަށް މިނިސްޓްރީން އަމަލުކުރާނެ ކަމަށެވެ.

އެ ސިޓީތަކުގައި ވަނީ އެއްބަސްވުމުގެ ދަށުން ހުށަހަޅާފައިވާ މަސައްކަތްތައް ވޯކްޕްލޭނާ އެއްގޮތަށް އެ ރަށުގައި ކުރިއަށް ނުދާ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި، އެކަންކަން ކުރުމަށް އިތުރު މުއްދަތެއް ދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ ފަހެއްގައި އެއް އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެ ސިޓީތަކުގައިވެ އެވެ.

އެއްބަސްވުން ބާތިލްވި ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވަނީ އަލުން ދިން މުއްދަތު މިދިޔަ ޖެނުއަރީ މަހު ހަމަވި އިރު ވެސް އެއްވެސް މަސައްކަތެއް އެ ތަނުގައި ކޮށްފައި ނުވާތީ އެވެ.