ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެ ހާދިސާ ހިނގިއިރު 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ ކުއްޖާގެ އުމުރުން މިހާރު ވަނީ 22 އަހަރުވެފަ އެވެ.

އެ ދައުވާ އަށް އެ ކުއްޖާ އިންކާރުކޮށްފައިވާއިރު، މި މައްސަލަ ފުރަތަމަ ބެލި ދަށު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފަ އެވެ. އެހެން ނަމަވެސް މި މައްސަލަ ހައި ކޯޓުން ބަލާފައިވާއިރު، ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ

31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު، އަނަސް އަށް ހަމަލާދިނީ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން ދިޔަ ބައެކެވެ. އެ މީހުން އަނަސް ފަހައި ދުއްވައިގަތުމުން ފިލަންވެގެން އޭނާ ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. ދެން އެމީހުން ވަނީ އެތަނުގެ ތެރެއަށް ވަދެ އޭނައަށް ތޫނުއެއްޗަކުން ހަމަލާދީފަ އެވެ.

ހަމަލާދޭން ވަނީ ސައިކަލްތަކުގެ ފަހަތުގައި ތިބި މީހުންނެވެ. އެ މައްސަލައިގައި ލ. ގަން، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ، އަސަރުމާގެ، އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ، ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.