ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާ އަދި ގެސްްޓް ހައުސްތަކުން ދައުލަތަށް ލިިބެންޖެހޭ ފައިސާ ނުހޯދާ ޓެކްސް ބޮޑުކުރާތީ އިދިކޮޅު މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓެކްސް ބިލާ ގުޅޭގޮތުން މިއަދު މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމި އިރު، ވިޔަފާރިިވެރިންގެ އަތުން އެކި ނަންނަމުގައި އެކި ފީތައް ނަގަމުންދާ ކަމަށެވެ.

"މައްސަލައަކީ، ކަސްޓަމް ޑިއުޓީ ވެސް ހަމަ އެހާ ބޮޑު. އަނެއްކާ އިމްޕޯޓު ލައިސެންސް އެބަ ނަގާ. ޕްރޮފިޓް ޓެކްސް އެބަ ނަގާ. 30،000ރ. މަހަކު ލިބޭ މީހެއްގެ އަތުން އިންކަމް ޓެކްސް އެބަ ނަގާ. އެހެން ގޮސް، މިހެން ގޮސް، ޓެކްސް އެބަ ނަގާ، އަދަދު ނޭނގޭ މިންވަރަށް،" ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ބައެއް ފަރާތްތަކުން ގަވައިދުން ޓެކްސް ނުދައްކާތީ އެތަކެއް ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށެވެ. އެހެންކަމުން ޓެކްސް ބޮޑު ކުުރުމަކީ، ގަވައިދުން ޓެކްސް ދައްކާ މީހުންނަށް "ވަރަށް ބޮޑު ބޭއިންސާފެއް" ކަމަށް އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ޓެކްސްގެ ގޮތުގައި 2020ގައި 4.3 ބިލިއަން ރުފިޔާ، ޓެކްސްގެ ގޮތުގައި 2021ގައި 5.3 ބިލިއަން ރުފިޔާ ޓެކްސް ނޫން އެނިހެން އާމްދަނީގެ ގޮތުގައި 16 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވަނީ ސަރުކާރުން މިކަން ތަންފީޒު ކުރުމަށް ދީފައިވާ މުއްދަތު ކުޑަވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.