ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ޑޮލަރު ސަލާމަތް ކުރުމުގެ ގޮތުން ބަންގްލަދޭޝް ވެރިރަށްޑާކާގައި ބޭއްވުމަށް ނިންމާފައިވާ އިވެންޓެއްގައި ޕާފޯމްކުރުމުގެ ހުއްދަ ބޮލީވުޑްގެ އެކްޓަރު ނޯރާ ފަތޭހީއަށް ނުދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ނޯރާ ބައިވެރިވާ އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހު އެވެ.
ބަންގްލަދޭޝްގެ ކަލްޗަރަލް އެފެއާޒް މިނިސްޓްރީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އިވެންޓްގައި ޕާފޯމްކުރުމަށް ނޯރާއަށް ހުއްދަ ދީފައި ނުވަނީ ދުނިޔޭގެ ހާލަތަށް ރިއާޔަތްކޮށް އަދި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.
ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާއެކު ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ވަނީ ޑޮލަރު ހިފެހެއްޓުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 46.13 ބިލިއަން ޑޮލަރުގައި ހުރި ރިޒާވް އޮކްޓޯބަރު 12ގެ ނިޔަލަށް ވަނީ 36.33 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ ގާތްގަނޑަކަށް ހަތަރު މަހުގެ އިމްޕޯޓަށް ވާ ވަރުގެ ފައިސާ އެވެ.
އިންޓަނޭޝަނަލް ގްލޯރީ އެވޯޑްސްގެ ނަމުގައި ބާއްވަން އޮތް އެ އިވެންޓުގައި ނޯރާ ނެށުމުގެ އިތުރުން ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އެވޯޑު ހަވާލުކުރަން ވެސް އޮތީ އޭނާ އަށެވެ.
ނަމަވެސް ނޯރާއަށް ބައިވެރިނުވެވޭތީ، އިންތިޒާމް ކުރާ ފަރާތުން ބުނިގޮތުގައި ދެން އެ އިވެންޓް ބާއްވާނީ ސަރުކާރުން އަލުން ބޭރުގެ ފަންނާނުންނަށް ހުއްދަ ދޭން ފެށުމުންނެވެ.
މޮރޮކޯ-ކެނެޑާގެ އާއިލާއަކުން އުފަންވި ނޯރާ ވަނީ ހިންދީ، ތަމަޅަ، ތެލެގޫ، އަދި މާލަޔާލަމް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.
އޭނާ ބޮލީވުޑަށް ތައާރަފްވީ 2014 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު "ރޯއާ: ޓައިގާސް އޮފް ދަ ސުންޑަބަންސް" އިންނެވެ. ޖެހިގެން އައި އަހަރު މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް 9 ގެ ކޮންޓެސްޓެންޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އިރު، އޭގެ ފަހުން ޖަލަކް ދިޚްލާ ޖާ އިން ވެސް ވަނީ ވާދަކޮށްފަ އެވެ. އަދި މީގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ވެސް ނޯރާ ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން މިހާރު ކަލާޒް ޓީވީ މިހާރު ކުރިއަށްދާ "ޖަލަކް ދިކްލާޖާ"ގެ 10 ވަނަ ސީޒަނުގެ ޖަޖެއް ވެސް ނޯރާ ފެނިގެންދެ އެވެ.